1 month ago
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގައުމީ ތަރައްގީގެ ތަސައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިގްތިސާދެއް ބިނާ ކުރުންކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025 އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއީ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ގައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އިންތިޒާމުކުރި އެވޯޑެކެވެ.
ނައިބުގެ ވާހަކަފުޅުގައި، މި އިގްތިސާދުގެ އެންމެ މައި މަސައްކަތްތަކާއި ދިރުންހުރި ހިދުމަތުގެ ސަފުހާތަކުގެ ބޮޑު ބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން އެ ވިޔަފާރިތަކަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ ނާރެސް ކަމަށާއި، އެއީ، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމާއި، އިގްތިސާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ނައިބު ވަނީ އެ ވިޔަފާރިތައް ހިންގަވާ ވިޔަފާރިވެރިންނަކީ މި މުޖުތަމައުގެ ތަރައްގީއާއި، ދިރުމާއި، ކުރިއެރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ، ގައުމީ ތަރައްގީގައި ވަރަށް ބޮޑު ގުރުބާނީއެއް ވެވަޑައިގަންނަވާ ހިދުމަތްތެރީންތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.