1 month ago
އަމާޒަކީ ހުރިހާ ފުލުހުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮއްދިނުން ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.
އެކަމަނާ މިހެންވިދާޅުވެފައިވަނީ ނެޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި އެކަމަނާ ވިދާޅުވީ، ފުލުހުންނަކީ ހަމައެކަނި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރަން ތިއްބަވާ ބައެއްނޫން ކަމަށެވެ. އެއީ ގާނޫނަށް ފުރިހަމައަށް ތަބާވެވަޑައިގަންނަވައި، މުޖުތަމައުގެ އިތުބާރު ލިބިފައިވާ ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިދަފަ މަތިވެރި މަގްސަދުތައް ހާސިލުކޮށް، މީހެއްގެ ސުލޫކާއި އަހްލާގު ރިވެތިކުރުމަށް، އެންމެ ބޮޑު އެހީއެއް ލިބޭ އެއްކަމަކީ ތައުލީމުކަމަށް ވެސް ވިދާޅުވެފައެވެ.
މަތީ ތައުލީމު ހާސިލުކުރަމުންދާއިރު، އެ މަރުހަލާގައި ކުރެވޭ ދިރާސާތަކުގެ ސަބަބުން އޮފިސަރުންގެ އިލްމީ ފެންވަރާއި ފަންނީ ހުނަރު އިތުރުވެގެންދާނެކަމާއި، މި ކަމުގެ ނަތީޖާއެއްގެ ގޮތުން އެބޭފުޅުންގެ ކިބައިގައި، އިންސާފު ގާއިމްކުރުމަށް ބޭނުންވާ ގާބިލުކަން ކުރިއަރައިގެންދާނެކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޑރ. މަރްޔަމް މާރިޔާ އިތުރަށް ވިދާޅުވީ ފޮރެންސިކް ސައިންސް، ސައިބަރ ކްރައިމް އިންވެސްޓިގޭޝަން، އަދި ކޮމިއުނިޓީ ޕޮލިސިންގ ފަދަ ހާއްސަ ދާއިރާތަކަށް އަމާޒުކޮށްގެން ބޭއްވޭ ޑިޕްލޮމާ ޕްރޮގްރާމްތަކުން ތަމްރީނުވުމަކީ މުޖުތަމައަށް ކުރިމަތިވެފައިވާ އެކި ނުރައްކާތެރި ގޮންޖެހުންތަކާއި ކުރިމަތިލުމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައިވާކަން ކަށަވަރުކޮއްދޭކަމެއް ކަމަށެވެ.
ގައުމުގައި އެކަށީގެންވާ ތައުލީމު ނެތުމުގެ ސަބަބުން، ވަޒީފާގެ ފުރުސަތުތައް ގެއްލި ޑްރަގާއި އެކި ކަހަލަ ނުބައި ވަބާތަކުގައި ޖެހިފައިވާ އެތައް ސަތޭކަ ޒުވާނުން ދިރިއުޅެމުންދާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ރަޢީސް ޑރ. މުޙައްމަދު މުޢިއްޒު، ފުލުހުންގެ ހިދުމަތް ފުޅާކުރުމާއި، ކުރިއަށްއޮތް ހަތަރު އަހަރުގެ ތެރޭގައި އެއްހާސް ފުލުހުން އިތުރުކުރުމަށް ނިންމަވައިފާކަމަށް ވެސް އެކަމަނާގެ ވާހަކައިގާ ފާހަގަކުރައްވާފައިވެއެވެ.