5 hours ago
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރަމަޟާން މަހު މިފްކޯ އިން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޭނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު އަށް މިފްކޯ އިން ބުނީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ.
ކޮންމެ ރަމަޟާން މަހަކަށް ވެސް ގާތްގަޑަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް މަސްދަޅު އުފައްދާ ކަމަށާއި އެހެންނަމަވެސް ރައީސްގެ ވައުދުފުޅު ފުއްދުމަށް މިއަހަރު އިތުރު މަސްދަޅު އުފެއްދުމުގެ މަސައްކަތް މިހާރުފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެ ކުންފުނިން އިތުރަށް ބުނީ މި މަސައްކަތް ކުރަނީ އެސްޓީއޯއާ ގުޅިގެން ކަމަށާއި އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިމޭނެ ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން ގެތަކަށް މަސްދަޅު ކޭސް ދޫކުރުމަށް ނިންމާފައިވާކަމަށް ވެސް ބުނެއެވެ.
"މަސްދަޅު ކޭސް ދޫކުރާނެ ގޮތްތައް މިހާރު ދަނީ ރާވަމުން."
ސަރުކާރުން ވަނީ ފައިބެއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ 82،000 ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ވެސް ހަދިޔާކޮށްފައެވެ. އެކަމަކު މިއަހަރު ރައީސް ނިންމެވީ ކާޑުގެ ބަދަލުގައި މަސްދަޅު ހަދިޔާ ކުރެއްވުމަށެވެ. އެއީ ރަމަޟާން މަހު އެންމެގިނައިން ބޭނުންކުރާ އެއްބާވަތަކީ މަސްދަޅުކަމަށްވާތީއެވެ.
ރާއްޖޭގެ ބާޒާރުގައި މިފްކޯއިން އުފައްދާ މަސްދަޅުތަކުގެ ތެރެއިން ތެލުގައި ރައްކާކޮށްފައި ހުންނަ އާދައިގެ މަސްދަޅެއް 16 ރުފިޔާއަށް ލިބޭއިރު، 48 މަސް ދަޅުގެ ކޭހެއް ލިބެނީ 768 ރުފިޔާއަށެވެ. މި އަދަދަށް ބަލާއިރު، 82،000 ގޭބިސީއަށް 62.9 މިލިޔަން ރުފިޔާގެ މަސްދަޅު ހަދިޔާ ކުރާނެއެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކުން ވެސް ޑިސްކައުންޓް ދެއްވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވިއެވެ.
ރައީސް ވަނީ މިއަހަރުވެސް މި ޑިސްކައުންޓް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.