ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

4 weeks ago

އަފްރާހް

ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 1.518 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. 


މިތަކެތި އަތުލައިގަނެފައިވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.


މިގޮތުން، 2024 ނޮވެންބަރު 24 ވަނަ ދުވަހު ބަލާފާސްކުރެވުނު ސީފްރައިޓް ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން، މި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ފޮރުވާފައި ހުރި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭތަކެތި އަޅާފައި ހުރި ޕެކެޓުތަކެއް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. 


މި ޕެކެޓުތަކުގައި ފޮރުވާފައި ހުރި ތަކެތި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (Methamphetamine) އަށް ވަނީ ޕޮޒިޓިވްވެފައެވެ. 


މިތަކެތީގެ ބަރުދަނުގައި ޖުމްލަ 1.518 ކިލޯގްރާމް ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 3،000،000.00 (ތިން މިލިއަން) ދިވެހި ރުފިޔާ އަށްވުރެ މަތިވާނެކަމަށް ބެލެވެއެވެ.


މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު