16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފައިންގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑަލް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގައި ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކުރީ 86-22 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރ ރާއްޖެއިން ނިންމާލީ 23-0 ގެ ބޮޑު ލީޑެއްގައި އޮވެގެންނެވެ.
ދެވަނަ ކުއާޓަރ ނިމުނުއިރު، ރާއްޖެއަށް 38 ޕޮއިންޓް ލިބުނުއިރު ބަނގްލަދޭޝްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ރާއްޖެއިން ވަނީ ބަދަލު ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.
ތިންވަނަ ކުއާޓަރ ނިމުނުއިރު ރާއްޖެއިން 56 ޕޮއިންޓް ހޯދިއިރު ބަނގްލަދޭޝްއަށް ހޯދުނީ 9 ޕޮއިންޓެވެ. ފަހު ކުއާޓަރގައި ބަންގްލަދޭޝްއިން ހިތްވަރުކުރި ނަމަވެސް ރާއްޖެއިން ވަނީ ލީޑު ދަމަހައްޓައި، 86-22 އިން މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު، ލައިރާ އަހުމަދު ފިރާޝް ވަނީ 12 ޕޮއިންޓް ސްކޯކޮށް، 20 ރީބައުންޑް ނަގާފައެވެ. ދެން، އެންމެ ރަނގަޅަށް ކުޅުނު މަރިޔަމް ކައިލީން ޝިރުހާން ވަނީ 30 ޕޮއިންޓް ސްކޯކޮށް، ހަ ރީބައުންޑް ނަގާފައެވެ. ކައިލީން ސްކޯކުރި 30 ޕޮއިންޓްގެ ތެރެއިން ގިނަ ޕޮއިންޓަކީ ތްރީ ޕޮއިންޓްތަކެވެ.
މިއީ ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ އަންހެން ޓީމެއް ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތަކުން ހޯދި ފުރަތަމަ މެޑަލްއެވެ.