އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ލައިޓްސް އައުޓް ޕްރޮޑަކްޝަނުންގެ ފަރާތުން އޮލިމްޕަސް ސިނަމާގައި މިހާރު ދައްކަމުންދާ ދިވެހި ފިލްމު 'ލޯބިން' ގެ 8 ޝޯވ މިހައިތަނަށް ދައްކާފައިވާއިރު، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
އެކަން އެނގެނީ މީސްމީޑިއާގެ އެކި މަންސަތަކަށް އެފަރާތްތަކުން ދޫކޮށްލާ މެސެޖުތަކުންނެވެ. އެގޮތުން ކުޅަދާނަ ސްކްރިޕްޓް ލިޔުންތެރިޔާ ޒަރީރުގެ ދޫކޮށްލާފައިވާ މެސެޖެއްގައި ވަނީ ފިލްމު ފެށުނީއްސުރެ ނިމެންދެން ބަލާ ފޫހިނުވާ ކަމަށެވެ. އަދި މުޖުތަމައަށް ދީފައިވަނީ މުހިންމު މެސެޖެއް ކަމަށެވެ.
މީގެއިތުރުން ތާތި އަދާކޮށްފައިވާ ރޯލު ހަނދާނުން ފުހެލަން އުނދަގޫވާއިރު، އިފްނާޒު އާއި ޝާރިފް އަދި ޝާއްކޮ އައްމަޑޭ އަށް ވެސް ވަނީ ތައުރީފްކޮށްފައެވެ. އަދި ޝަހީދު ލެގަސީގެ ބެކް މިއުޒިކަކީ ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެއްގެ ގޮތުގައި ޒަރީރު ފާހަގަކޮށްފައިވާއިރު، ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އަކީ ހުރިހާ ގިންތިއެއްގެ ފިލްމެއް ވެސް ގެނެސްދިނުމުގެ ގާބިލުކަން ހުރި ފަރާތެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ.
މިއީ ރާއްޖޭގެ މުޖުތަމައުގައި ހިނގާ ނުވަތަ ހިންގާ ނޭދެވޭ އެތައްކަމެއް ދައްކުވައިދޭ ފިލްމަކަށްވާއިރު، ފިލްމު ބެލި އެހެން ފަރާތްތަކުން ވެސް ދަނީ އެފަރާތްތަކުން ފިލްމާއިމެދު ދެކޭގޮތް ނުވަތަ ޝުއޫރުތައް ބަންޑުން ކުރަމުންނެވެ.
މި ފިލްމުގެ ޝޯވތައް އަތޮޅުތަކުގައި ވެސް ދައްކަމުން އަންނައިރު، މިހާތަނަށް ދައްކާފައިވާ ރަަށްރަށުން ވެސް ބުނަމުންދަނީ މިއީ ދިވެހި މުޖުތަމައަށް އެންމެކަމުދާގޮތަށް މިހާތަނަށް އުފައްދާފައިވާ ފިލްމު ކަމަށެވެ. އަދި އެތައް ފަހަރަކު ވެސް ފިލްމު ބަލަން ބޭނުންވާކަމަށް ބުނަމުންދާ ފަރާތްތައް ވެސް މަދެއް ނޫނެވެ.
އައިފިލްމްސް އިން 'އޮއިވަރު' އަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަފުތާ ބަންދުގެ ޝޯވތަކަށް ވެސް މިހާރުވަނީ ޓިކެޓު ގަންނަން ފަށާފައެވެ. އެހެންކަމުން އދ. ދަނގެއްޗާއި ނ. ކެނދިކުޅުދޫ އަދި މާލޭގައި ކުޅެފައިވާ މި ފިލްމުގެ ޓިކެޓު ހޯދުމަށް 7242555 އަށް ވައިބަރ ކުރުމަށް އެފަރާތުން އެދިލައްވައެވެ.