ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ގްރޫޕުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެއެވެ.
'އޮއިވަރު' އަށް މައުލޫމާތު ލިބިފައިވާގޮތުގައި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި ގައުމީ ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމު އުމްރާގެ މަތިވެރި އަޅުކަން އަދާކުރާނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ނިންމުމަށްފަހުއެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ މި މުބާރާތަށްފަހު، ހޭންޑްބޯލް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އުމްރާވުމަށް ސައުދީ އަރަބިއާގެ އެތެރޭގައި ކުރަންޖެހޭ ދަތުރުތަކާއި ހޮޓަލުގައި ތިބުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި މީޤާތު ހައްޖު އެންޑް ގްރޫޕުން ވަނީ ވަރަށްވެސް ދީލަތި އެހީތެރިކަމެއް ވެދިނުމަށް ނިންމާފައެވެ.
މިކަމާއިގުޅިގެން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) 'އޮއިވަރު' އަށް ވިދާޅުވީ މިފަދަ ފުރުސަތެއް ތަނަވަސްވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން މިކަމަށް އެހީތެރިކަން ދޭން ނިންމުމަކީ ގައުމީ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
"ސައުދީގެ ރިޔާޟަށް ގޮއްސަ އަންނައިރު، ހުރިހާ ކުޅުންތެރިން ވެސް ބޭނުންވޭ އުމްރާއެއްވާން. މިކަހަލަ ފުރުސަތެއް ލިބޭނީ ވަރަށް މަދުން ނޫންތޯ. އެހެންވެ ގިނަ ކުޅުންތެރިން ބޭނުންވީ އަމިއްލައަށް ހަރަދުކޮށްގެން ވެސް އުމްރާއެއްވެގެން ރާއްޖެ އަންނަން. އެހެންވެ މީޤާތު ގްރޫޕާ ވާހަކަދެއްކުމުން އެބޭފުޅުން ވަރަށް ބޮޑު އިޖާބައެއް ދެއްވީ."
މުޖޭ އިތުރަށް ވިދާޅުވީ ގާތްގަޑަކަށް 46 މީހުން އުމްރާގެ މަތިވެރި އަޅުކަމުގައި ބައިވެރިވާނެ ކަމަށާއި މިއީ ވަރަށްބޮޑު ހަރަދެއްދާނެ ކަމެއްކަމުގައިވާއިރު، މީޤާތު ގްރޫޕުން އެދެއްވާ އެހީތެރިކަމަށްޓަކައި ކުޅުންތެރިންގެ ނަމުގައާއި އަމިއްލަ ނަމުގައި ޝުކުރުދަންނަވާކަމަށެވެ.