ފިނިއަށި ރާއްޖެ

މިރެއިން ފެށިގެން 'ލޯބިން' ފެންނާނެ

ޕަރެމިއަރ ނައިޓަށް އޮލިމްޕަސް ތައްޔާރުކުރުމުގައި

މިރެއަކީ އެތައްބައެއްގެ އިންތިޒާރުތަކުގެ ނިމުން އަންނަ ރެއެކެވެ. އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ލައިޓްސް އައުޓް ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު 'ލޯބިން' ޕްރެމިއަރ ކުރަނީއެވެ.

 

މި ފިލްމު ބަލައިލުމުގެ ހުވަފެން ދެކެމުން އަންނަ ފަރާތްތަކަށް މި ފިލްމު މުހިންމުވަނީ 'ލޯބިން' ކިޔާތީ އެކަންޏެއް ނޫނެވެ. ތަފާތު ޖޯންރާއަކަށް ވެސް ވާތީއެވެ. ޖޯންރާ އާބެހޭގޮތުން މީހަކު ކުރި ސުވާލަކަށް ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ވިދާޅުވެފައިވަނީ މިއީ ހަށިވިއްކުމާއި ގެވެށި އަނިޔާއާއި ބްލެކްމޭލް ހިމެނޭ ފިލްމެއް ކަމަށެވެ. އަދި ލޯބީގެ ކުޅިގަނޑަކާއި ރާއްޖޭގައި ގިނަވެފައިވާ މައްސަލައެއް ކަމުގައިވާ ގޭންގު ވައިލެންސް ވެސް ފެންނާނެކަމަށް ވިދާޅުވެފައި ވެއެވެ.

 

ފިލްމަށް ޝައުވެރިކުރުވި އަނެއްކަމަކީ ޝޫޓިންގ ފަށައިގެން ނިމުމަކަށް ދާން ގާތްވެފައިވަނިކޮށް ލީޑު ކާސްޓުން އިއުލާންކުރުމެވެ. އަދި 'ލޯބިން' ގެ ޓައިޓްލް ސޯންގު ނެރުމާއެކު ޝައުގުވެރިކަން އިތުރުކުރުވިއެވެ. ފިލްމުގެ ލީޑު އެކްޓަރުން ކަމަށްވާ ތާތި އާދަމް އާއި އަހުމަދު އިފްނާޒު ފިރާގު، ކެނދިކުޅުދޫގެ ކުޅީގައި އަޅާފައިވާ ބްރިޖާއެކު މަންޒަރުތައް ބަލަމުންދާއިރު، މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވެސް ދައްކައިދީފައިވާތީއެވެ.

 

 

 

ލައިޓްސްއައުޓް ޕްރޮޑަކްޝަނުން ޕޯސްޓް ޕްރޮޑަކްޝަން ހަދާފައިވާ މި ލަވަ ޝައްމޫން މުހައްމަދާއި އައިޝަތު މާއިން ރަޝީދު ކިޔާފައިވާއިރު، ލަވަ ހެދީވެސް ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އެވެ. މިއުޒިކު ހަދާފައިވަނީ ޝަހީދު ލެގަސީއެވެ. ސަމާހު އިބްރާހިމް ކެމެރާކޮށްފައިވާއިރު، މޭކަޕް އާޓިސްޓަކީ ރާއްޖޭގައި މިވަގުތު ހުރި މިކަމަށް އެންމެކުޅަދާނަ އަދި އެންމެ ހުނަރުވެރި ރުތުބާއެވެ.

 

ހަމަމިއާއެކު ޓްރެއިލަރ އާއި ރަސްމީ ޕޯސްޓަރުން ވެސް ހިތްތައް  ފަތަހަކޮށްފައިވާއިރު، އދ. ދަނގެއްޗާއި ނ. ކެނދިކުޅުދޫ އަދި މާލޭގައި ކުޅެފައިވާ މި ފިލްމުގެ ފުރަތަމަ ތިން ޝޯވ ގެ ޓިކެޓު ވެސް މިހާރުވަނީ ހުސްވުމާއި ގާތްވެފައެވެ. ޓިކެޓު ހޯދުމަށް 7242555 އަށް ވައިބަރ ކުރުމުން އެ އިންތިޒާމު ހަމަޖެހޭނެއެވެ.

 


  • އައިފިލްމްސް
  • ކޮމެންޓް