އެކި މީހުންނަށް އެކި ހިޔާލުތައް އަންނާނީ އެކިތަންތަނުގައެވެ. ބައެއް މީހުންނަށް ފާހާނާގައެވެ. މަގުމަތިން ދުއްވާފައި ދަނިކޮށްނެވެ. ނޫނީ ކޮންމެވެސް މީހެއް، ތަނެއް، މަންޒަރެއް ފެނިގެންނެވެ.
އެގޮތުން 'އޮއިވަރު' ގައި މިފަހަރު މި ޖެހުނީ އަހްމަދު އާޒިމް އެވެ. ނޫނެކެވެ. 'އެމްޕީއެލް ނާއްޕެ' އެވެ.
ތަންކޮޅެއްކުރީގެ ހަނދާންތަކަކުން ފަށާނަމަ، މަދުރަސީ ދައުރުގައި ވެސް ގަލޮޅު އަވަށުގައި ކުރާ އިޖުތިމާއީ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެއެވެ. ސްކޫލުގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަށް ބަހާލައިގެންނެވެ. ކުޅީވަރު ވެސް ކުޅެއެވެ. ރައްޓެހި ރަހްމަތްތެރިންނަށް، ކްލާހުގެ ކުދިންނަށް ވަގުތުދެމުން ސްކޫލުގެ އިތުރު ހަރަކާތްތަކުގެ އެންމެ އިސްސަފުގައި އަބަދުވެސް ހުރެއެވެ.
މަދުރަސީ ހަޔާތަަށްފަހު ވެސް ނާއްޕެގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ގަލޮޅު ދަނޑުގައި 1990 ގެ އަހަރުތަކުގައި ފުޓްބޯޅަ ވެސް ކުޅުނެވެ. އެކަމަކު ޒަވާޖީ ހަޔާތެއް ފަށާ، އާމްދަނީ ހޯދުމަށް އެމްޕީއެލް ގައި ވަޒީފާ އަދާކުރަން ފެށުމާއެކު ރަސްމީކޮށް ކުޅިވަރުގެ ޢަމަލީ މައިދާނުން ނުފެނުނަސް، އެހެންމީހުންނަށް ހިތްވަރާއި ސާބަސް ދިނުމުގައި ހުރީ ކުރީސަފުގައެވެ.
އަމިއްލަ މަސައްކަތެއްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވަރުގަދަ އަޒުމުގައި އޭރުވެސް ހުރި ނާއްޕެއަށް ހިޔާލު އައީ ރައްޓެހިންކޮޅަކާއެކު ކޮފީއެއްގައި ދެކެވުނު ވާހަކައަކުންނެވެ. އުމްރާއަށް ވެސް ދެވިފައިވުމާއެކު، ރައްޓެހިންނާއެކު ދެކެވުނީ އުމްރާ އަށް މީހުން ގެންދަން ގްރޫޕެއް ނުވަތަ ޖަމާއަތެއް ހެދުމަށެވެ. އެކަމަކު ނާއްޕެ ބޭނުންވީ ލިބޭ މަންފާ އަށްވުރެ ބޮޑަށް ހިދުމަތެއްގެ ގޮތުގައި އެކަން ކޮށްދިނުމަށެވެ.
އެންމެބޮޑު ގޮންޖެހުމަކީ މާލީ ތަނަވަސްކަމެވެ. އެހެންވެ، ނާއްޕެއާއި ރައްޓެހިން ކުޑަކޮށް މާޔޫސްވިއެވެ. އެކަމަކު އަޒުމު ގުޑުވާނުލާ، ތަންކޮޅެއް ތަނަވަސް ރައްޓެއްސެއްގެގާތަށް ގޮސް އެވާހަކަ ހިއްސާކުރުމުގެ ނަތީޖާއަކީ ނަސީބު އަތުގާ ހިފުމެވެ. ކެރިފޯރުންތެރިކަން ހުރިވަރަކުން އެހީތެރިކަން ދޭނެކަަމަށް ރައްޓެހި މީހާ ބުނި ހިސާބުން އުމްރާ ގްރޫޕެއް ރަޖިސްޓްރީކުރުމުގެ ޢަމަލީ މަސައްކަތް ފެށިއެވެ.
އެގޮތުން 'މީޤާތު ޙައްޖު އެންޑް ޢުމްރާ' 6 ޖުލައި 2023 ގައި ރަޖިސްޓްރީކޮށް، އެ މާތް އަޅުކަމަށް މީހުން ގެންދަން ފެށިއެވެ. ކުރީން ވެސް ފާހަގަކުރިގޮތަށް މާލީ މަންފާއަކަށް ނުވިސްނާ، އަޅުކަމަށް ގެންދާ މީހުންގެ ހިތްހަމަޖެހުމަށް ކަންކަން ދަނީ ރާވަމުންނެވެ.
ދަރީންގެ މަދުރަސީ ދައުރުގައި ޖަމާލުއްދީން ސްކޫލާއި ސީއެޗްއެސްސީގެ ޕީޓީއޭގައި 13 އަހަރު މަސަައްކަތްކުރުމުގެ ތަޖުރިބާ އާއެކު ނާއްޕެގެ ރޭވުންތެރިކަމާއި މަޖާ އެހެނަސް ހިތްހެޔޮ މިޒާޖުން 'މީޤާތު' ގްރޫޕުން ހައްޖާއި އުމްރާ އަށް ދާ މީހުންގެ ލޯބި ހޯދިއެވެ. އެ ގްރޫޕުގެ މައުލޫމާތާއި ހާއްސަކޮށް ހައްޖާއި އުމްރާގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެދަށުން މާލެއާއި އަތޮޅުތަކުގައި ދަނީ ފޯރުކޮށްދެމުންނެވެ.
އެމްޕީއެލް ސެކްޝަން މެނޭޖަރުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން، އަނބިދަރީންނާއި ރައްޓެހި ރަހްމަތްތެރިންނަށް ވަގުތު ހުސްކުރަނީ ދަރީން ވެސް ކުޅިވަރުގެ މައިދާނުގައި އުޅޭއިރު، އެކުދީންގެ އުފަލުގައި ވެސް ބައިވެރިވަމުންނެވެ.
'މީޤާތު ޙައްޖު އެންޑް ޢުމްރާ' ގްރޫޕުން ކޮންމެ އަހަރަކު ވެސް ފަސް އުމްރާ އަށް މީހުންގެންދަމުންނެވެ. އަދި ހައްޖާއި އުމްރާ އާ ގުޅޭ އެކި މައުލޫމާތު ދިނުމަށް ތަފާތުއެކި ވޯކްޝޮޕްތައް ވެސް ބާއްވަނީ ނާއްޕެގެ ހުނަރުވެރި ރޭވުމުންނެވެ.
އެހެންކަމުން މިއީ އަދުގެ ޒުވާނުންނަށް ހުރި ލާމަސީލު މިސާލެއްކަން ޔަގީނެވެ. ނާއްޕެގެ ނަސޭހަތަކީ ރަނގަޅުގޮތުގައި ރަނގަޅު ކަމެއް ކުރަން ހިތުއަޅައިފިނަމަ، އެންމެ ފަހުވަގުތާ ޖެހެންދެންވެސް އެ އަޒުމުގައި ހުރުމެވެ. އަދި އެއްވެސް ކަމެއް ހަމަވަގުތުން ނުވާނެކަން ދަތުމެވެ. ހަމަމިއާއެކު އަމިއްލަ މަންފާ އަށް ވުރެ އެހެންމީހުންގެ މަންފާ އަށް ބަލައި، އިސްކަން ދިނުމަށް ވެސް ނާއްޕެ ނަސޭހަތްތެރިވެއެވެ.