"ގަނޑިޔަ ހިންނަވަރު" ގެ ނަމުގައި ތްރީ އޮން ތްރީ ސްޓްރީޓް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ސްޕޯޓްސް އިވެންޓް ޕްލޭނަރ ގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތް ފެށުމަށް ނިންމާފައިވަނީ މި މަގުގެ 16 ވާ ހުކުރު ދުވަހުއެވެ. މުބާރާތް ކުޅޭނީ މާފަންނުގައި އޮންނަ ލެގޫންސް ދަނޑުގައެވެ.
'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން މި މުބާރާތް ރާވާ، ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލެއް ވިދާޅުވީ މިއީ ހަމައެކަނި ހިންނަވަރަށް ނިސްބަތްވާ ފަރާތްކަށް ހުޅުވާލާފައިވާ މުބާރާތެއް ކަމަށެވެ. މަގްސަދަކީ އެފަރާތްތަކުގެ ހުނަރު ދައްކާލާ، އެކުބެރި އަދި މަޖާ މާހައުލަކުން ރަށުގެ ރައްޔިތުން ބައްދަލުވުން ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ވެސް މިއުޅެނީ ވަަރަށް ބިޒީކޮށް. އެއް އޮފީހެއްގަ އެއްރަށުގެ މީހުން އުޅުނަސް ގިނަފަހަރަށް މިއޮންނަނީ ބައްދަލުނުވެ. އެހެންވެ، ނިންމީ މިކަހަލަ މާހައުލަކުންނޭ ގިނަފަހަރަށް މީހުން އެއްތަން ކުރުވޭނީ. ހާއްސަކޮށް ކުޅިވަރުގެ ކަމަކުންނޭ. އެހެންވެ، ރޭވީ."
މީގެއިތުރުން ހިންނަވަރަށް އުފަން، އެރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނަށާއި ރަށު މީހުންނާ އިނދެގެން އުޅޭ މީހުންނަށް ވެސް ކުޅެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، ކޮންމެ ޓީމެއްގައި ވެސް 5 ކުޅުންތެރިން ހިމެނޭނެއެވެ. އަދި މެނޭޖަރާއި އޮފިޝަލަށް ވެސް ކުޅެވޭގޮތަށް ހަމަޖައްސާފައިވާއިރު، ބައިވެރިވުމުގެ ސުންގަޑިއަކީ މެއި މަހުގެ 12 ވަނަ ދުވަހުގެ ރޭ 8 ޖަހަންދެނެވެ. މުބާރާތައި ބެހޭ އިތުރު މައުލޫމާތު 9471522 އިން ލިބޭނެއެވެ.