ރާއްޖޭގެ އެފަދަ ދެވަނައެއް ނެތް ކުޅަދާނަ ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) "ޓޫ އޮފް އަސް" އިން ވަކިވެއްޖެއެވެ.
އޭނާ 'ޓޫ އޮފް އަސް' އިން ވަކިވެފައިމިވަނީ އެ ބޭންޑުގެ ތެރޭގައި ގިނަ މައްސަލަތަކެއްޖެހި، މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވެސް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ޝަހީދު ލެގަސީ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެންމެބޮޑު މައްސަލައަކީ ފައިސާގެ ކަންކަން އޮޅުވާލުން ކަމަށެވެ. އަދި ބޭންޑުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދާކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދޭކަމަށާއި ބޭންޑުގެ ހިންގުން "ވަން މޭން ޝޯވ" އެއްގެ ގޮތަށް ބަދަލުވަމުން އައުމަކީ ވެސް ބޮޑު ހިތްހަމަނުޖެހުމެއް ކަމުގައި ވަނީ ބުނެފައެވެ. އަދި އޭނާގެ 25 އަހަރުގެ މިއުޒިކީ ތަޖުރިބާއަށް އެއްވެސް އިހުތިރާމެއް ނުކުރާކަމަށް ވެސް ބުނެފައި ވެއެވެ.
ޝަހީދު ބުނީ މިގޮތަށް ނިންމުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަމަކު އަޅާނުލާ ދޫކޮށްލައިފިނަމަ، މިއަށްވުރެބޮޑެތި ކަންކަން ކުރިމަތިވުމުގެ ބިރު ވެސް މިހާރު ހީވެފައިވާ ކަމަށެވެ.
"ޓޫ އޮފް އަސް" އަކީ އިންޑިއާގެ ރިއަލިޓީ ޝޯވ" ބެޓްލް އޮފް ބޭންޑްސް އިންޓަނރޭޝަނަލް" ގައި ވާދަކޮށް ތިންވަނަ ހޯދާ، ރާއްޖޭގެ ނަން ބަބުޅާލާފައިވާ ބޭންޑެކެވެ. މި ފަޚުރުވެރި ކާމިޔާބީގައިވެސް ޝަހީދު ލެގަސީގެ ހުނަރުން ފުރިފައިވާ ދައުރު ފާހަގަކޮށްލެވެއެވެ.