އަދުރޭ އަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދެނީ

ރާއްޖޭގެ ލެޖެންޑަރީ އެކްޓަރ ޢަބްދުއްރަޙްމާން ރައޫފް (އަދުރޭ) އަށް ހާޓްއެޓޭކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ.

 

1990 ގެ އަހަރުތަކުގައި އެކި ލަވަތަކާއި ބައެއް ޑްރާމާތަކާއި ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ އަދުރޭ އަށް ހާޓްއެޓޭކެއް ޖެހުނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާ އަށް މިހާރު ފަރުވާދެމުން ގެންދަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.

 

އަދުރޭގެ ދަރިފުޅު ޝާއިލް އާ ހަވާލާދީ 'ދެން އޮންލައިން' ގައި ބުނެފައިވަނީ އަދުރޭ އަށް ހާޓްއެޓޭކް ޖެހުނީ އޭނާ މިހާރުވަޒީފާއަދާކުރަމުން އަންނަ ރިސޯޓުކަމަށްވާ ރެޑިސަން ބްލޫ ރިސޯޓްގައި ހުއްޓާ ކަމަށެވެ. އޮއްޔެ ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގުމާއެކު ފަރުވާދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށާއި ނަމަވެސް މިހާރުވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައިކަމަށް ބުނެއެވެ.

 

އޭނާވަނީ "ހިތުގާ ވާހާ ލޯބި އެނގޭނީ ހީލީމާ" ފަދަ ލަވަތަކާއި "ދެހިތެއްގެ ލޯބި"، "ދޮން މަންމަ" އަދި "ޅީދަރިފުޅު" ފަދަ ފިލްމުތަކުން ފެނިފައެވެ. އަދި ހުނަރުވެރި ފަންނާނު ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 'ހީލަތް'، "އަނތްބެއްގެ ލޯބި ފިރިއެއްގެ ވާޖިބު' ހިމެނެއެވެ.

 

މީގެއިތުރުން ކުޅަދާނަ އަދި ލެޖެންޑަރީ އެކްޓްރެސް މަރިޔަމް ޝިރާނީއާ އެކު ހަރަކާތްތެރިވި "މަލަކާ" ޑްރާމާ އަކީ ގިނަބަޔަކު މިހާރުވެސް ބަލާލަން ބޭނުން އުފެއްދުމެކެވެ.

 

'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓުގެ ދުޢާ އަކީ ޢަބްދުއްރަޙްމާން އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.

 


  • އައިޖީއެމްއެޗް
  • ކޮމެންޓް