4 weeks ago
ފައިބެއަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ މިންވަރު 112.5 އިންސައްތަ އިތުރުވެފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކިފާނު މިފަދައިން ވިދާޅުވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޮފީސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވަލޮޕްމަންޓް އެސިސްޓެންސް އެންޑް ޓްރެއިނިނިގް (އޯ.ޕީ.ޑީ.އޭ.ޓީ) އިން ބޭއްވި "ސައުތް އޭޝިއާ ރީޖަނަލް ކައުންޓަރ ނާކޮޓިކްސް ޓްރެފިކިންގ ޕްރޮގްރާމް" ގައި ވާހަކަ ދައްކަވަމުންނެވެ.
މިމަހުގެ 17 އިން 21 އަށް ކްރޮސްރޯޑްސްގައި ބޭއްވި މި ޕްރޮގްރާމުގައި މިހާރު ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައްކަން ޕީޖީ ފާހަގަކުރެއްވިއެވެ.
އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ 17 ދަޢުވާ ކޯޓަށް ހުށަހަޅާފައިވާކަމަށާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 190 ދަޢުވާ މިއަހަރުގެ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.
މިއީ ފައިބެއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ކުރި ދަޢުވާތަކާ އަޅާ ބަލާއިރު 112.5 އިންސައްތަ އިތުރުވުމެއް ކަމަށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ދަޢުވާކުރެވިފައިވާ ނިސްބަތް 14 އިންސައްތަ އިތުރުވެފައިވާކަމަށެވެ.
"މިކަމުން ދައްކުވައިދެނީ ގާނޫނު ތަންފީޛްކުރާ އިދާރާތަކުން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު މިއަހަރު ތެރޭގައި އިތުރުވެފައިވާކަން. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި މިކަން ތަންފީޛްކުރުމަށް މަސައްކަތްކުރާ އެންމެހައި އިދާރާތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން." ޕީޖީ ޢައްބާސް ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން ނޭޕާލް، ސްރީލަންކާ، ބަނގްލަދޭޝްގެ ޕްރޮސިކިއުޓަރުންނާއި، އިންވެސްޓިގޭޓަރުންނާއި އެނަލިސްޓުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި އެކި ގައުމުތުން މަސްތުވާތަކެއްޗާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވެއެވެ.