މިދިޔަ ސަރުކާރުން މިނިމަމް ވޭޖު ރިވިއު ކޮށްފައެއް ނެތް: ޑރ. ހައިދަރު

މިދިޔަ ސަރުކާރުން މިނިމަމް ވޭޖުގެ ރިވިއުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރު ހައިދަރު މިފަދައިން ވިދާޅުވީ ޖަނަވަރީ 2022 އިން ފެށިގެން މިހާތަނަށް 3 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އިރު، މިނިމަމް ވޭޖް މުރާޖައާ ނުކޮށް ލަސްވާ ސަބަބު ހޯދުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އަދި މައުރޫފް ވަނީ މިނިމަމް ވޭޖް މުރާޖައާ ކޮށް ނިންމޭނެ ތާރީހެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.

 

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ ކުރީ ސަރުކާރުން އެކަންކޮށްފައިނުވާތީ އެ މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން އެ މަސައްކަތް ކުރުމަށް މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވައިލުމުގެ މަސައްކަތް ފެށި ކަަމަށެވެ. އަދި ފައިބެއަހަރުގެ ޖުލައި 3 ގައި އައު މިނިމަން ވޭޖް އެޑްވައިޒަރީ ބޯޑު ގާއިމުކޮށްފައިވާ ކަމަށެވެ.

 

މީގެއިތުރުން މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންއާ ގުޅިގެން ކަމަށާއި އެކަމަށް ބޭނުންވާ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

 

ޑރ. ހައިދަރު ވިދާޅުވީ މި މަސައްކަތް ކުރުމަށް އެފަރާތުން ހުށަހަޅާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 'ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖަރސް އިން ދަ މޯލްޑިވްސް' ކުރިއަށްގެންދާއިރު، މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ.

 

މިނިސްޓަރު ވަނީ މިނިމަމް ވޭޖަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަން ޖެހޭ އެއްޗެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ދިރާސާގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭތޯ ބަލަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

 

މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. ކުދި، މެދު އަދި ބޮޑު ވިޔާރިތަކުން ދޭން ޖެހޭ މިނިމަން ވޭޖް ކަނޑައަޅާފައި ވަނީ ވަކިވަކިންނެވެ.

 

  • ކުދި ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި މަދުވެގެން ގަޑިއިރަކަށް 24 ރުފިޔާ ނުވަތަ މަހަކަށް 5000 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކުން ގަޑިއަކަށް 33 ރުފިޔާ ނުވަތަ މަހަކަށް 7000 ރުފިޔާ
  • ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި ގަޑިއިރަކަށް 42 ރުފިޔާ ނުވަތަ މަހަކަށް 8900 ރުފިޔާ

 

މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން ރިވިއު ކުރަން ޖެހޭ އެއްޗަކަށްވާއިރު ނޮވެމްބަރު 2021 ގައި މިނިމަމް ވޭޖު ތައާރަފު ކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައެއް ނުވެއެވެ. ރިވިއު ކުރަން ޖެހޭ މުއްދަތު ހަމަވީ ނޮވެމްބަރު، 2023، އަށެވެ.

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް