އެޗްއެޗްއައިޑީ ފުޓްސަލް މުބާރާތް: އަންހެން ޑިވިޜަން ތަށި 'ހިތްވަރު' ޓީމުން މިލްކުކުރިއިރު، ފިރިހެނުންގެ ތަށި ޓްރާންސްޕޯޓަށް

ފޮޓޯ: ކުޑޭ

ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި ކުރިއަށްދިތަ އިންޓަރ ޑިޕާޓްމެންޓް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ވިދިވިދިގެން 3 ވަނަ ފަހަރަށް ހޯދައި، ޓީމު ހިތްވަރުން ތަށި މިލްކުކޮށްފިއެވެ.

 

އެޓީމުން މި މުބާރާތުގެ ތަށި މިލްކު ކުރީ ޖޫން 30 ވީ ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ކްއީން ބީސް ބަލިކޮށްފައެވެ. މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް އެޓޭކިންގ ކުޅުމެއް ފެނުނުއިރު، ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް ހިތްވަރު ޓީމުންނެވެ. ނަމަވެސް ދޫދިނުމެއް ނެތި ކުޅެމުންދިޔަ ކްއީން ބީސް އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަކޮށްފައެވެ.

 

މި ނަތީޖާގައި އޮވެ މެޗު ނިމުމުން ޗެމްޕިއަން ޓީމެއް ހޮވުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ކުރި ހޯދައި، މުބާރާތުގެ އަންހެން ޑިވިޜަންގެ ތަށި ތިންވަނަ ފަހަރަށް އުފުލާލައި، މިލްކުކުރީ ހިތްވަރު ޓީމުންނެވެ. އެއީ 1-3 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ވެސް އަދި މެޗު ތެރެއިން ވެސް ދެޓީމުގެ ކީޕަރުންގެ ހުށިޔާރުކަން ވަނީ ފެނިފައެވެ.

 

މި މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޓީމު ޓްރާންސްޕޯޓުންނެވެ. އެއީ ޓީމު މެއިންޓެނަންސް އާ ވާދަކޮށް 2 ލަނޑު 4 ލަނޑުން ކުރިހޯދައިގެންނެވެ. މިއީ ވެސް ހަލުވި އަދި އެޓޭކިންގ މެޗެއް ކުޅުމެއް ފެނުނު މެޗެކެވެ.

 

ފައިނަލް މެޗުތައް ނިމުމުން ރަނަރއަޕް ޓީމުތަކަށާއި ޗެމްޕިއަން ޓީމުތަކަށް މެޑެލް އާއި ޓްރޮފީ އަދި އެކި ވަނަތައް ހާސިލުކުރި ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮޓެލްސްއާއި ހުޅުމާލެއާއި ވިލިމާލެ ހޮސްޕިޓަލްއާއި އައިޖީއެމްއެޗްއާއި ދަރުމަވަންތް ހޮސްޕިޓަލުގެ އިސްވެރިންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބުގެ ނައިބު ރައީސް ޝަމްއޫންއެވެ.

 

މީގެއިތުރުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ދެ ޑިފެންޑަރުންކަމުގައިވާ އަހްމަދު އަބްދުﷲ (ލިލީ) އާއި ގޯލްޑް ކެޕްޓަމް އަކްރަމް އަބްދުލްޣަނީ (އަކޫ) ވެސް ވަނީ ޓީމުތަކަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

 

 

 

ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ އޮންނަ ފުޓްސަލް ދަނޑުގައި ޖޫން 26 ން 30 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި މިއަހަރު ވަނީ އަންހެން 5 ޓީމާއި ފިރިހެން 5 ޓީމު ބައިވެރިވެފައެވެ. ސްޕޯޓްސް އިވެންޓް ޕްލޭނަރ ގެ ފަރާތުން ރާވައި، އިންތިޒާމުކުރި މި މުބާރާތުގެ މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' ހަމަޖައްސާފައިވާއިރު، ބެވަރޭޖު ޕާޓްނަރއަކީ ކަބިސާ ޑްރިންކްސްއެވެ. އަދި ފޮޓޯ ޕާޓްނަރއަކީ ކްރޯން ރޮކްއެވެ.

 

ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުވައި، ދުޅަހެޔޮ ސިއްހަތެއް އަށަގެންނެވުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތުގެ ޕާޓްނަރގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބު، ކިން، އެމްޔޫ ސްޓޯރ، ލިލް އެކަޑަމީ، ޒޮނިކް، ޕްރިންޓް ލައިން އަދި ކޭޓަރިންގ ޕާޓްނަރގެ ގޮތުގައި ބްރަދަރސް ކޭޓަރިންގ ވަނީ ހަމަޖައްސާފައެވެ.

 

 


  • ހުޅުމާލެ ހޮސްޕިޓަލް
  • ސްޕޯޓްސް އިވެންޓް ޕްލޭނަރ
  • ކޮމެންޓް