ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރަމުން ދާ އައު ސްކޫލަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނަންދެއްވައިފިއެވެ.
ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާއި ކައިރި ސްކޫލަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިމާރާތް ކުރާ މި ސްކޫލަށް ރައީސް ދެއްވިނަމަކީ "ޝަހީދު ޢަލީ ސްކޫލް" އެވެ.
މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ވެސް އެމަނިކުފާނެވެ. އެއީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
މި ސްކޫލަށް ނަން ދީފައިވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) – ޢަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ. ޢަލީ ރަސްގެފާނަކީ އީމާންތެރިކަން ވަރުގަދަ، ހިތްޕުޅުގައި ގައުމީ ލޯބި ފުން އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ދައުލަތަށް ވަފާތެރި، ދިވެހިރައްޔިތުންނާ މެދު ހިތްޕުޅުގައި ކުލުނާއި އިޚްލާޞްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ.
ޢަލީ ރަސްގެފާނުގެ ނަންފުޅު ތާރީޚުގައި ފަވާލެވިފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދާއި ވަތަނަށްޓަކައި ގުރުބާންވެވަޑައިގަތް އަގުމާތް ދިވެހި ދަރިއެއް ގޮތުގައެވެ.
މި ސަރުކާރުގެ އެންމެ ފުރަތަމަ އުމްރާނީ ތަރައްގީގެ މަޝްރޫއަކީ ތައުލީމީ ބިނާއެއް ކަމުގައި ހެދުމަށްޓަކައި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ބިންގާ އެޅި މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކާއި ޓާރފްދަނޑެއް ހުންނާނެއެވެ.