މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި ތަރައްގީކުރާ އައު ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން މާލެ ސިޓީ ކައުންސިލުން ދައްކާލައިފިއެވެ.
އެތަނުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އައު ސްޓޭޖް ހުންނާނެ ގޮތުގެ އާންމުކޮށްފައިވަނީ މާރޗު 17 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ކުރުމަށް ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
މި މަސައްކަތް ބަންދުދުވަސްތަކާއެކު މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 140 ދުވަހުގެތެރޭގައި ނިންމަން ޖެހޭއިރު، މަސައްކަތުގެ އަގަކީ ހަތަރު މިލިއަން އަށްލައްކަ ސާޅީސް ހަތް ހާސް ދިވެހި ރުފިޔާއެވެ. އެއީ ޖީއެސްޓީއާއެކުގައެވެ.
އައު ސްޓޭޖްގެ ފޮޓޯއަކާއެކު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، އެ މަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ޒަމާންތަކެއް ވަންދެން ހަލާކުވެ، ވީރާނާވާން ދޫކޮށްލާފައިވާ މި ސްޓޭޖް، ﷲގެ އިރާދަފުޅާއެކު، ދެން ފެނިގެންދާނީ، އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.
މިއީ މާލެ ސިޓީގެ މޭޔަރު ކަމާ، މިހާރުގެ މޭޔަރ އާދަމް ޢާޒިމް ހަވާލުވެ ވަޑައިގަތުމަށް ފަހު، މިހާރު އޮތް ކައުންސިލުގެ ފްލޯއިން ފާސްކުރެވިގެން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.