6 months ago
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި، ފާސްކުރުމުގައި މޯލްޑިވްސް އިމިގްރޭޝަންގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވެއްޖެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އެ މަސައްކަތުގައި މި މޭ މަހުގެ 25 ވީ ހޮނިހިރު ދުވަހު ހަރަކާތްތެރިވީ އެ މުވައްސަސާގެ އަންހެން މުވައްޒަފުން ކަމަށެވެ.
އެގޮތުން މާލެ އާއި ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ މުޅިން ވެސް އިމިގްރޭޝަންގެ އަންހެން އޮފިސަރުން ކަމަށް ވިދާޅުވިއެވެ.
މިއީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާއި އެއްގޮތަށް އިމިގްރޭޝަންގެ ދިގު ތާރީޚުގައި ވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދެވުނު ފުރަތަމަ ރެއިޑް އޮޕަރޭޝަންކަން ވެސް މެއެވެ.
މި އޮޕަރޭޝަންގައި މާލޭގެ 8 ތަނަކާއި ހުޅުމާލޭގެ 6 ތަނެއް ބެލުމަށްފަހު، އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ 15 އަންހެން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަޔާންނަގާފައިވާއިރު، މީގެތެރޭގައި ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ފާހަަގަ ކުރެވޭ ކަަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ނުބަލާ އޮތް އޮތުން ނިމުމަކަށް ގެނެސް، މިފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި 'މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ' އިން 'ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް' އެކުލަވާލައިފައެވެ. އަދި މި ޓާސްކް ފޯހުން މިހާތަނަށް 33 އޮޕަރޭޝަނެއް ހިންގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 1700 އަށްވުރެ ގިނަ ބިދޭސީން ވަނީ ފުރުވައިލާފައެވެ.
އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކުރުމެވެ. އަދި މިފަދަ ބިދޭސީންގެ ސަބަބުން ދިމާވާ އެކިއެކި އުނދަގޫތަކުން މުޖުތަމައުު ރައްކާތެރިކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.