ހައި އެޗީވަރސް އަދި ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުންވާ ދާއިރާތަކުން ކިޔަވަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނެއްގައި ވަނީ ރައީސް ދޭ ހާއްސަ ސްކޮލަރޝިޕް ލިބޭ ކަމަށް އެ މިނިސްޓްރީން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން ސްކޮލަރޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް ސްކޮލަރޝިޕްގެ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އުސޫލުގައިވާ ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ ކަމަށާއި ރައީސްގެ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަޝިޕަށް ކުރިމަތިލާން ޖެހެނީ މިނިސްޓްރީގެ "މައި އެޑޫ" ޕޯޓަލް އިން ސެޕްޓެމްބަރު 30ގެ ކުރިން ކަމަށް ވެސް އިއުލާނުގައި ވެއެވެ.
ބޭނުން ގައުމަކުން، ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ރައީސްގެ ހާއްސަ ސްކޮލަޝިޕް ލިބޭނީ 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް މަދުވެގެން ފަސް މާއްދާ އިން އޭ ސްޓާރ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.
ހައި އެޗީވަރސް ސްކޮލަޝިޕް ދެނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިންގ ނީޑްސް ލިސްޓު" ގައި ހިމެނޭ ދާއިރާތަކުންނެވެ. މިއީ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން އޭ ލެވެލް ނުވަތަ އޭލެވެލް އާ އެއް ފެންވަރެއްގެ އިމްތިހާނަކުން ތިން މާއްދާ އިން އޭ ހާސިލުކުރުމާ އެކު ދިވެހި އަދި އިސްލާމް މާއްދާ އިން އޭ ހާސިލުކުރުމުން ދޭ ސްކޮލަޝިޕެކެވެ.
ދިވެހި އިސްލާމް މާއްދާ ހިމެނޭ ގޮތަށް އޭ ހޯދުމާ އެކު ޝަހާދާ ސާނަވިއްޔާ ސަނަދުން ހުރިހާ މައްދާއެއްގެ ފައިނަލް އެވްރެޖުގައި އޭ ފާހެއް ލިބުމުންނެވެ. ހައި އެޗީވަރސް ސްކޮލަޝިޕްތަކުގައި ކިޔަވޭނީ ރާއްޖެ ހިމެނޭހެން ސާކްގެ ގައުމުތަކާއި މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީގެ ގައުމުތަކުންނެވެ.