އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް

4 months ago

އަފްރާހް

އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ގެނައުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް މުހައްމަދު ނަސީމު ހުށަހަޅުއްވާފައިވަނީ އިމިގްރޭޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.


މި މާއްދާގައި، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް ފަރާތްތަކުގެ ތަފްސީލް ދީފައިވާއިރު، މެމްބަރު މީކާއިލް ވަނީ އެ މާއްދާއަށް މާއްދާއެއް އިތުރުކޮށް، ހުށަހަޅުއްވާފައެވެ.


ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް 19 ވަނަ މަޖިލީހުން ވެސް ސަރުކާރަށް ގޮވާލާފައިވެއެވެ. އެ މަޖިލީހުން، މިދިޔަ މަހުގެ އެއްވަނަ ދުވަހު ފާސްކުރި ގަރާރުގައި އިޒްރޭލުގެ ޕާސްޕޯޓާއި އިސްރާއީލުގެ އުފެއްދުންތައް ވަނީ މަނާކޮށްފައެވެ.


އެހެންނަމަވެސް، ސަރުކާރުން ޢަމަލުކުރާނެ ޕްލޭނާއި އެކްޝަން ޕްލޭންގެ ޓައިމްލައިނެއް ކަނޑައެޅުމުގައި ފެއިލްވެފައިވާ ކަން މެމްބަރު މީކައިލްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.


އޭނާ ވިދާޅުވީ މި އިސްލާހު ގެނައުމުގެ މަގުސަދަކީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ ފުރުސަތު ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެފަދަ ފިޔަވަޅުތައް އަވަސް ކުރުން ކަމަށެވެ.


މި އިސްލާހު ފާސްވެއްޖެނަމަ ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން އިސްރާއީލުގެ ޕާސްޕޯޓް އޮންނަ ފަރާތްތަކާއި އެގައުމުގެ ޕާސްޕޯޓް އޮންނަ ޑުއަލް ރައްޔިތުމީހުން ވެސް ރާއްޖެއަށް އެތެރެވުން މަނާވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު