ރައީސް ޑރ. މުއިއްޒު މާލެ ވަޑައިގެންފި

4 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެންފިއެވެ.


ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެމަނިކުފާނާއި ވަފުދުގެ ބޭފުޅުން މާލެ ވަޑައިގެންނެވީ މޭ 31 ވަނަ ދުވަހުއެވެ.


މި މަހާސިންތާގައި ރިޔާސަތު ބެލެހެއްޓެވުމުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަޢުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.


މީގެއިތުރުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.


މި މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ސައިޑްލައިން އިވެންޓްތަކުގައި ވެސް ބައިވެރިވެވަޑައިގެން، ބައެއް ގައުމުތަކާއި ބައިނަލްއަގްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ. އަދި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


އެގައުމުތަކުގެ ހައްގުގައި ވަކާލާތުކުރައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް އަލިއަޅުވާލައްވައި އެކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ހައްލުތަކަށް ވެސް މި މިމަހާސިންތާގައި ރައީސް ޑރ. މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު