ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާ ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ޒުވާނުން ނެރުމެވެ.
މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެކެވެ.
ވަރލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން 3 މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މައުލޫމާތު ދޭނެއެވެ. އަދި ޢަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ދޭނެއެެވެ.
އެގޮތުން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ހޯދައިދޭނެއެވެ.
މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީ އަކާއިއެކު [email protected] މެއިލްއަށް އީމެއިލް ކުރުމަށް ވަނީ ހުޅުވާލާފައެވެ.
މިތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިކުރުމަށް ނިންމާފައިވަނީ މި ދާއިރާއަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނުންނަށެވެ.