ސޯޝަލް މިނިސްޓްރީން ޒުވާނުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފެށުމަށް ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިއީ އެމިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން "އެކު އެކީ" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ގެވެށި އަދި ޖިންސީ އަނިޔާ (ޑީވީ އެންޑް ޖީބީވީ) ހުއްޓުވުމަށާއި ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، މުޖުތަމައުގައި ހެޔޮ ބަދަލުތައް ގެނައުމާއި ގުޅޭގޮތުން މި ތަމްރީން ޕްރޮގްރާމް އޮންނާނީ އޮގަސްޓް 24 އިން 28 އަށް ކުޅުދުއްފުށި ސިޓީގައެވެ.
ފަސް ދުވަހުގެ މި ޕްރޮގްރާމުގައި އެއަތޮޅު ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ރަށްތަކުގެ ޒުވާނުންގެ ތެރެއިން އުމުރުން 18 އަހަރާއި 25 އަހަރުގެ އުމުރުފުރާގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން، ބައިވެރިންނަށް އެމީހުންގެ މުޖުތަމައުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި މި ޕްރޮގްރާމް ވެގެންދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމައުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި މުއާމަލާތްކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ހާއްސަ ފުރުސަތެކެވެ.
މީގެއިތުރުން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ދަތުރުފަތުރު، ކެއުން އަދި ހުރުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާނެއެވެ. އަދި ޕްރޮގްރާމް ނިމުމުން ބައިވެރިންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިންގުމުގެ ސެޓްފިކެޓް ދޫކުރާނެއެވެ. މިކަމުގެ ސަބަބުން ބައިވެރިންނަށް އެމީހުންގެ މުޖުތަމައު އިތުރަށް ރައްކާތެރި އަދި ގުޅުން ބަދަހި ތަނަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް 19 އޮގަސްޓް ވާ އަންގާރަގެ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.
ފޯމުގެ ލިންކު: https://bit.ly/4mE23r9