އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާހުކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށްގެންދިޔަ މި މަޝްރޫއު ނިންމައި، އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މިމަޝްރޫއުގެ ދަށުން އެރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކާއި ސީ އައުޓް ފޯލް އާއި ރިޖެކްޓް ލައިން ވަނީ އަޅާފައެވެ. އަދި ފެންރައްކައު ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ގާއިމްކޮށްފައި ވެއެވެ.
މީގެއިތުރުން ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާއިރު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.
ކޮންސްޓްރަކްޝަމް މިނިސްޓްރީން އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މި މަޝްރޫއުގެ އަގަކީ 65.83 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫއުގެ ސަބަބުން ހިމަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.