އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އެގައުމުގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި އެމަނިކުފާނަށް ފަރުވާދެމުން އަންނަނީ ތަފާތު ސިއްހީ މައްސަލަތަކަކާ ގުޅިގެންނެވެ. އަދި މީގެކުރިން ފަރުވާދިނީ ޖަލުގައި ހުންނަ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ.
އެހެންނަމަވެސް އެ ހޮސްޕިޓަލުން ދެވެން ނެތް ގިނަ ފަރުވާތަކެއް ރަނިލް ވިކްރަމަސިންހަ އަށް ބޭނުންވާތީ ކޮލޮމްބޯގެ ނޭޝަނަލް ހޮސްޕިޓަލަށް މިހާރުވަނީ ބަދަލުކޮށްފައެވެ.
އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުގައި ވިކްރަމަސިންހަގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ.
ވިކްރަމަސިންހަ ހައްޔަރުކުރީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ތުހުމަތުގައި ކަމުގައެވެ. ސީއައިޑީން ތަހުގީގު ކުރަމުން ދަނީ، ރައީސްކަމުގެ ދައުރުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.