އެމް.ޑަބްލިޔު.އެސް.ސީ އިން ހދ. ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މިމަޝްރޫއުގެ ދަށުން އެރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވަނީ އަޅާފައެވެ.
މީގެއިތުރުން ފެންރައްކައު ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ގާއިމްކޮށްފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފައިވާއިރު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.
މިއީ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. 102.17 މިލިއަން ދިވެހި ރުފިޔާގެ މިމަޝްރޫއުގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.