މިހާރުކުރިއަށްދާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ފުޓްސަލް ޓޯނަމެންޓް 2025 ގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ޕްލޭއޮފް އަދި ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.
ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީ އޮންނަ ފުޓްސަލް ދަނޑު (އަސުރުމާ ފުޓްސަލް ޕިޗް) ގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕު ސްޓޭޖުގެ މެޗުތައް ރޭ ނިމުނުއިރު، ދެ ގްރޫޕުން ވެސް އެންމެގިނަ ޕޮއިންޓް ހޯދި ދެޓީމު ވަނީ ސެމީފައިނަލަށް ގޮސްފައެވެ.
އެގޮތުން ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދީ ރިޓެއިލް ޔުނައިޓެޑެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ގޯލް ޑިގަރސްއެވެ.
މީގެއިތުރުން ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކޯރ ޔުނައިޓެޑާއި ނެޓް ޝެއަރ އެވެ. ދެވަނަ މެޗުގައި ރެޑް ފްލޭގް ނުކުންނާނީ އޮޓޯ އަޕްޓޭޑް އާދެކޮޅަށެވެ. މި މެޗުތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިރޭ 8 ޖަހާއިރުއެވެ.
މި މެޗުތަކަށްފަހު، ފައިނަލް މެޗު ވެސް މިރޭ ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ޗެމްޕިއަން ޓީމާއި ރަނަރއަޕް ޓީމަށް ޓްރޮފީއާއި މެޑަލް އަދި އެކި މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށް ވެސް ޓްރޮފީ ހަވާލުކުރުން އޮންނާނެއެވެ.
އެމްއައިބީގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވާ، އާލާ ކުރުމާއެކު، ހުރިހާ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި މިއަހަރު ވަނީ 8 ޓީމެއް ބައިވެރިވެފައެވެ.