"ސޯޝަލް ޑައިލޮގް ކޮންފެރެންސް 2025" ގެ ނަމުގައި ބޭއްވި ބައިނަލްްްއަގުވާމީ ކޮންފެރެންސް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދު ޝަރަފުވެރިކޮށްދެއްވާފައެވެ.
އެ މިނިސްޓްރީގެ ލޭބަރ ޑިޕަރޓްމަންޓްގެ ފަރާތުން އިންތިޒާމްކުރައްވައިގެން ބޭއްވި މި ކޮންފެރެންސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގާ އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ވަޒީފާގެ ބާޒާރުގައި މަސައްކަތްކުރަމުންދާ ހުރިހާ ފަރާތަކަށް ރައްކާތެރި ވަޒީފާގެ މާހައުލެއް ބިނާކުރުމާއި ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކަށް ސުލްހަވެރިކަމާއެކު ހައްލުހޯދުން ކަމަށެވެ.
މީގެއިތުރުން ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމުގެ މަގުފަހިކޮށްދިނުމާއެކު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް އަމާޒެއް ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އަމިއްލަ މުވައްސަސާ ނުވަތަ އިދާރާގެ ކުރިއެރުމާއި މަންފާ ހޯދުމަށް މަސައްކަތްކުރުމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި، ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމާއި، އާންމު މުޖުތަމައުއަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުން ފަދަ ގައުމީ ޒިންމާތައް އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަންދިނުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ބައިވެރިވާ، "ސޯޝަލް ޑައިލޮގް ކޮންފެރެންސް 2025" އަކީ އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓްގެ 10 ވަނަ ބާބުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޮންފެރެންސެވެ.
މި ކޮންފެރެންސްގައި ދުނިޔޭގެ އެކި ސަރުކާރުތަކާއި މުވައްޒަފުންނާއި މަސައްކަތްތެރިން ވަނީ ބައިވެރިވެ، ރައްކާތެރި މަސައްކަތުގެ މާހައުލެއް ބިނާކުުރުންފަދަ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމާއި ގުޅޭ މުހިއްމު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.