ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުމެވެ.
މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން އަންނަނިިވި ބައިތައް ހިމެނޭ ޕްލޭނެއް އެކުލަވާލާ ހުށަހެޅުމަށް އެގްރިކަލްޗަރ މިނިސްޓްރީން އެދިލައްވައެވެ.
އެގޮތުން މަސައްކަތުގެ ތާވަލު،500 ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަަހައްދުގެ ތަފްސީލު (ސަރަހައްދުގެ ބޮޑުމިން، ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު) އާއި ފަތްކެޔޮ ދަނޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޕްލޭން ހުށަހެޅުމަށް އެދެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި މުޑުވަށް ފޯރުކޮށްދިނުމާއި ދަނޑަށް ބޭނުންވާ ގަސްކާނާ ފޯރުކޮށް ދިނުމާއި ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޒިންމާތަކުގެތެރޭގައި ފަތްކެޔޮ އިންދުމަށް އެކަށޭނެ ބިން ހޯދުމާއި ބިން ސާފުކުރުމާއި މުޑުވައް އިންދުމަށް ބޭނުންވާ ވަޅުތައް ކޮނުމާއި ހުށަހަޅާ ޕްލޭނާ އެއްގޮތަށް ދަނޑު ބެލެހެއްޓުން ވަނީ ހިމަނާފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޑަބްލިއުޑީސީތަކުން ސެޕްޓެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެކުރިން އެ މަސައްކަތުގެ ޕްލޭން މިނިސްޓްރީ އަށް ހިއްސާކުރުމަށް ވަނީ އެދިލައްވާފައެވެ. އަދި އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރ ފާޠިމަތު ޔުސްރާ (3339263) އަށް ގުޅުމަށް ވަނީ އެދިލައްވާފައެވެ.