ބ. މާޅޮހުގެ ޖަމިއްޔާއެއް ކަމުގައިވާ މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) އިން ބާއްވަމުން އަންނަ "މާރެސް އިންވިޓޭޝަން ކަޕް ވޮލީ މުބާރާތް" މި މަހު 21 ގަ ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެ ޖަމްއިއްޔާ އިން 'އޮއިވަރު' އަށް މައުލޫމާތުދެއްވިގޮތުގައި މިއަހަރުގެ މުބާރާތުގައި 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަމިއްލަފުށި، ފިނޮޅު، ވައްކަރު، ސޮނެވާ ފުށި، ވެސްޓިން އަދި މާޅޮހު ބެސްޓް ބަޑީސް ކަމަށް މައުލޫމާތުދެއްވައެވެ.
މިއީ ބ. އަތޮޅުގެ ރިސޯޓުތަކަށާއި އެ އަތޮޅުގެ ބައެއް ރަށްތަކަށް ދައުވަތުދީގެން މާރެސް ޖަމްއިއްޔާ އިން މީގެ ހަތަރު އަހަރުކުރިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފައިނަލް މެޗުގައި ޑުސިޓް މޯލްޑިވްސް އާއި ސޮނެވާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ޑުސިޓް މޯލްޑިވްސްއެވެ.
2023 ވަނަ އަހަރުގެ ފައިނަލުގައި ވައްކަރު ރިސޯޓާއި އަނަންތަރާ ކިހަވަށް ބައްދަލުކޮށް ޗެމްޕިއަންކަން ހޯދީ ވައްކަރު ރިސޯޓެވެ. އަދި ފައިބެއަހަރު މުބާރާތުގެ ފައިނަލްގައި ވާދަކުރީ ފިނޮޅު ރިސޯޓާއި މާޅޮސް ޓީމެވެ. މި މެޗު ކާމިޔާބުކޮށް އެންމްފަހުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފިނޮޅު ރިސޯޓުންނެވެ. އެހެންކަމުން މިއަހަރުގެ މުބާބާރާތުގައި އެ ރިސޯޓުން ނުކުންނާނީ ތަށި ދިފާއުކުރުމަށެވެ.
މާރެސް އިން މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ވޮލީގެ ފޯރި ދިރުވާ، އާލާކޮށް ހުނަރުވެރި ވޮލީ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމެވެ. އަދި އެފަދަ ކުޅުންތެރިންނަށް އެކުވެރި، ވާދަވެރި މާހައުލަކުން މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދީ، އެކުވެރިކަން އުފެއްދުމެވެ.