ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި ވިޔަފާރިއާއި އިގްތިސާދު، އާރޓްސް އެންޑް ކަލްޗަރ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން، މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި ވޮކޭޝަނަލް ޓްރެއިނިންގ – ދަސްކޮށްދިނުން، ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން ވެސް ހިމެނެއެވެ.
މީގެއިތުރުން ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުމާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމާއި ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުމުގެ ދާއިރާ އިން ވެސް އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ފަންނިއްޔާތުގެ ދާއިރާ - ޓެކްނޮލޮޖީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗަރ ދާއިރާ ވެސް ހިމަނާފައި ވެއެވެ.
ހަމަމިއާއެކު ޒުވާނުން ކުރިއެރުވުމަށާއި، ބާރުވެރިކަން އިތުރުކުރުމަށް ޚިދުމަތްކޮށްދެމުންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޒުވާނުންބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު ދެއްވާ ހާއްސަ އިނާމާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ ވެސް ދޭނެއެވެ.
މިއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބޭނެއެވެ.
މި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 29 ސެޕްޓެމްބަރު ވާ ބުދަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/cuIXw އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަން ބަލައިގަންނަން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 2 ޖަހަންދެންނެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށައެޅޭނެއެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.