މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު 8.88 އިންސައްތަ އިތުރުވެއްޖެއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން 52،763 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ. މިއީ 88.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ 27،950 މެޓްރިކްޓަނުގެ މަހެވެ.
ފިނިކުރި ތާޒާ ކަނޑުމަހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. މިއީ 106.2 އިންސައްތަ އިތުރުވުމެކެވެ.
މީގެއިތުރުން ކަނޑުމަސް ނުހިމަނާ ފިނިކުރި ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކްޓަނުގެ މަސް މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ޕްރޮސެސްކޮށްގެން 895 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 572 މެޓްރިކްޓަނުގެ މަހެވެ. މިއީ 65 އިންސައތަ އިތުރުވުމެކެވެ.
ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދަދު މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދަޅުގައި ބަންދުކޮށްގެން މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3536 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3752 މެޓްރިކްޓަނުގެ މަހެވެ. މިއީ މިދިޔަ އަރަހާ އަޅާބަލާއިރު 5.8 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ފައިދާ ކުރާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ރައްކާކުރާ ކާރުހާނާތަކާއި މަސް ޕްރޮސެސް ކުރާ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.