ޚަބަރު ރާއްޖެ ކުޅިވަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ރާއްޖެ ފެށިީ މޮޅަކުން

ފޮޓޯ: ހޭންޑް ބޯލް މޯލްޑިވްސް

ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

 

ރާއްޖެ ޓީމުން ސްރީލަންކާ އާ ބައްދަލުކުރި މި މެޗުގެ ފުރަތަމަ ސެޓު 28-24 އިން ރާއްޖެ މޮޅުވިނަމަވެސް، ދެވަނަ ސެޓުގައި ލަންކާއިން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ 34-26 އިންނެވެ. އެހެންކަމުން ކޮންމެ ޓީމަކަށް ވެސް އެއްސެޓު ލިބި އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓުން 7-4 ގެ ނަތީޖާއިން ކުރި ހޯދީ ރާއްޖެއެވެ.

 

ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި މިއަހަރު ވާދަކުރަނީ ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި ސައުތު އެފްރިކާ އެވެ.

 

 

ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ބައްދަލުކުރާއިރު، ދެވަނަ ސެމީގައި ކުޅޭނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.

 

މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

ކުޅުދުއްފުށި ސިޓީގައި އިއްޔެ ފެށި މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކޮމަންވެލްތު ބީޗް ހޭންޑްބޯލް ފެޑެރޭޝަންގެ އިސްވެރިންނާއި ހޭންޑްބޯލް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

 

 


  • ހޭންޑް ބޯލް
  • ކުޅުދުއްފުށި ސިޓީ
  • ސްޕޯޓްސް މިނިސްޓަރ
  • ސްޕޯޓްސް މިނިސްޓްރީ
  • ކޮމެންޓް