މާޔޫސްކަމުގެ ތެރޭގައި ތާށިވެ، ކަސްތޮޅު އެޅިފައި ތިބެގެން ނުވާނެ: ޝާހިދު

2 days ago

އަފްރާހް

2024 ވަނަ އަހަރަށް އަލްވަދާއު ކިޔައި، 2025 ވަނަ އަހަަރަށް މަރުހަބާ ކިޔާއިރު، ނިމިދިޔަ އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މި ފެށުނު 2025 ވަނަ އަހަރުގެ ތަހުނިޔާ ފޮނުއްވައި، މީސްމީޑިއާގެ މަންސަތަކަށް ދޫކުރެއްވި ވީޑިއޯއެއްގައެވެ.


އެ ވީޑިއޯގައި ޝާހިދު ވަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުުރުމުގައާއި ރައްޔިތުންގެ އަސާސީ ހިދުމަތްތައް ހޯދުމުގައި ދިމާވަމުންދިޔަ ދަތިތައް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި މަސްވެރިކަމާއި އިގްތިސާދާއި ވިޔަފާރިއާއި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ވެސް އިގްތިސާދީ ހަރަކާތްތަކަށް ހުރަސް އެޅިފއިވާކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ޒުވާނުންނަށް މާޔުސްކަން ގެނުވާފަދަ ބޮޑެތި ނިންމުންތައް ނިންމާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ މުޅި ނިޒާމު ރޫޅިގެންދާތަން ފެނުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.


 



މި މޭރުމުން ވާހަކަދައްކަވަމުން ނިޝާން އިއްޒަތްދީނުގެ ވެރިޔާ ވަނީ އެއީ ނިމިދިޔަ އަހަރު ތަޖުރިބާކުރަން ޖެހުނު ކަންކަން ކަމަށާއި ޖުމްލަގޮތެއްގައި ރައްޔިތުންނަށް ނިކަމެތިކަމާއި ހާސްކަމާއި ދެންވާނީ ކިހިނެއްކަން ނޭނގި ތިބެން ޖެހުނު އަހަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.


ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އައު އަހަރަކަށް މަރުހަބާ ކިޔަންވާނީ އައު އުއްމީދުތަކަކާއެކީގައި ކަމަށާއި މާޔޫސްކަމުގެ ތެރޭގައި ތާށިވެ، ކަސްތޮޅު އެޅި، ތިބެގެން ނުވާނެ ކަމަށެވެ. އަދި ދިވެހީންނަށް ހައްގު މިންވަރު ހޯދުމަށް ފަސްނުޖެހި މަސައްކަތްކުރަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު އަދަށްވުރެ ފެހި ޒަމާނެއް، އަމާން ޒަމާނެއް ރައްޔިތުންނަށް ހޯދުމަށް އަޅުގަނޑުމެން އައު ހިތްވަރަކާއި އެކުގައި، މަސައްކަތް ފަށަންޖެހޭ ކަމަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އައު އަހަރުގެ ހެޔޮ އެދުމާއި ތަޙްނިޔާ ދަންނަވަނީ އެ އުއްމީދާއި، އެ އަޒުމު އާކުރަމުން ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު