"ވަރަ" އެކްސްޕޯ 2025 ނަމުގައި ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވާ ގޮތުގައި މި އެކްސްޕޯ އޮންނާނީ މިއަހަރުގެ ނޮވެމްބަރ މަހުގެ 6 ން 8 ގެ ނިޔަލަށެވެ.
މިއީ ވަޒީފާ ހޯދާ ފަރާތްތަކާއި ތައުލީމު ހޯދުމަށްބޭނުންވާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކާއި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް މަންސަތަކަށް ގެނައުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ. 2024 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި މި އެކްސްޕޯގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް މި އަހަރުގެ އެކްސްޕޯގައި 15،000 އަށްވުރެ ގިނަ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރައްވައެވެ.
މި އެކްސްޕޯގައި އެންމެ ފާހަގަކޮށްލެވޭ ހާއްސަ ސިފައަކީ ހުނަރާއި އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ދެނެގަތުމަށްޓަކައި ޑިޖިޓަލް އިންޓަގްރޭޝަން ބޭނުންކުރުމެވެ. އަދި ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) ޕޯޓަލް މެދުވެރިކޮށް ވަގުތުން ވަޒީފާއަށް އެޕްލައިކުރުމާއި، ވަޒީފާއަށް އެދޭ ފޯމުތައް ޓްރެކް ކުރެވޭނެ އިންތިޒާމް ދައްކުވައިދިނުމެވެ.
މީގެއިތުރުން އަލަށް ތައްޔާރުކޮށްފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް އިންޓަގްރޭޝަން މެދުވެރިކޮށް ތައުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓަރީކޮށް އެޕްލައިކުރުން ކުރިޔަށް ގެންދާނެއެވެ. މިއެކްސްޕޯގައި 1،000 އަށްވުރެ ގިނަ ވަޒީފާއާއި، 500 އަށްވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް ރަޖިސްޓަރީ ކުރުން ހަމަޖެހިފައިވެއެވެ.
މި އެކްސްޕޯގައި ކެރިއަރ ޒޯންގައި ވަޒީފާދޭ ފަރާތްތަކުގެ ބޫތުތަކާއި އިންޓަވިއު ކުރުމަށް ހާއްސަކަކުރެވިފައިވާ ސަރަހައްދުތައް ހުންނާނެއެވެ. އެޑިޔުކޭޝަން ޕްރޮވައިޑަރ ޒޯންގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދޭ ފަސްޓް ޑިގްރީ ޕްރޮގްރާމަށް އެޕްލައިކުރެވޭނެ ގޮތަށް ހުންނަ ސްޓޭޝަންތަކާއެކު އިލްމީ އަދި ފަންނީ މަރުކަޒުތައް ބައިވެރިވާނެއެވެ.
ހަމަމމިއާއެކު ސްކިލްސް އެކްސްޕީރިއަންސް ޒޯނުގައި ކާޕެންޓްރީ، އިލެކްޓްރިކަލް އަދި އައި.ޓީ ފަދަ ދާއިރާތަކުގެ ޢަމަލީ ހުނަރުތައް ތަޖްރިބާކުރުމުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"ވަރަ" އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދާދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކުރެވިފައިވާ އިސްނެގުމެކެވެ. މި މުހިންމު ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ވަޒީފާދޭ ފަރާތްތަކާއި، ތައުލީމީ މުއައްސަސާތަކުން ވީ އެންމެ އަވަހަކަށް ރަޖިސްޓަރީ ކުރެއްވުމަށް މިނިސްޓްރީން އެދިލައްވައެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ ހުނަރާއި ވަޒީފާގެ އެކްސްޕޯގައި https://www.varaexpo.mv/
މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.