ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިއީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. އަދި ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅާ، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޔޫތް މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން އަލުން ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 12 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވިޔަފާރިއާއި އިގްތިސާދު، އާރޓްސް އެންޑް ކަލްޗަރ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން، މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން، ވޮކޭޝަނަލް ޓްރެއިނިންގ – ދަސްކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުމާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ އިން ވެސް އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ.
ހަމަމިއާއެކު ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުމާއި ފަންނިއްޔާތުގެ ދާއިރާ - ޓެކްނޮލޮޖީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާ އަދި ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗަރ ދާއިރާ އިން ވެސް އެވޯޑު ދިނުމަށް ނިންމާފައި ވެއެވެ.
ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި ސެޓްފިކެޓް ލިބޭނެއެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް:
https://youth.gov.mv/images/Youth%20Award%20Application%20Form-1757821017708.pdf