އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ގައުމަށް ތަޖުރިބާގެ އަގުހުރި މުތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއިގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވިދާޅުވީ އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއްކަމުގައެވެ. އަދި ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުން ކަމުގައެވެ.
"ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުން. ތިޔައިން ކޮންމެ އިސްރަށްވެއްސެއްގެ ޙަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލައްވާށި. އާމީން."
ދޮށީ އުމުރުގެ މީހުންނަށް ލިބެންހުރި ފުރުސަތުތަކާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް ހައްލު ހޯދުމަށްޓަކައި، ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެއް ފާހަގަކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާގެ (އދ) ޖެނެރަލް އެސެމްބްލީން ނިންމީ 1990 ވަނަ އަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހުއެވެ. މިގޮތުން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަސްކަމުގައި ކަނޑައަޅައި، ދުނިޔޭގެ ފެންވަރުގައި މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.
ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން؛ އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް" އެވެ. އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައާއި، ތަޢުލީމީ ހަރުދަނާ ޖީލެއް އުފެއްދުމުގައި މިންނަތާއެކު މަސައްކަތްކޮށްފައިވާ މޭސްތިރިން ކަމުގައިވާތީ، އެ ފަރާތްތަކުގެ އުންމީދުތައް ހާސިލުކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް މިއަހަރުގެ ޝިޢާރުން ބާރުއަޅައެވެ. އަދި އިސްރަށްވެހިންނަކީ މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މާނަވީ ގޮތެއްގައި އިސްރަށްވެހިންގެ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތައް ހިންގުމަށްވެސް މި ޝިޢާރުން ބާރުއަޅައެވެ.