ޚަބަރު ރާއްޖެ

ސަރުކާރުން ރައްޔިތުންނަށް އައިނު ހަދައިދެނީ ވިޔަފާރި އުސޫލަކުން ނޫން: ހެލްތު މިނިސްޓަރ

ސަރުކާރުން ރައްޔިތުންނަށް އައިނު ހަދައިދިނުމަކީ ވިޔަފާރި އުސޫލުން ކުރާކަމެއް ނޫން ކަމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން އައިނު ފިހާރަ ހިންގަން ފަށަން ކިހާ ފައިސާއެއް ހަރަދުވިތޯ، އާއި މި ވިޔަފާރި ހިންގަން ކޮންމެ އަހަރަކު ހިނގާ ހަރަދު އޮޅުން ފިލުއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

 

އޭގެ ޖަވާބުގައި ހެލްތު މިނިސްޓަރު ވިދާޅުވީ ހިލޭ ނަމްބަރު އައިނު ހަދައިނުމުގެ ހިދުމަތުގެ ދަށުން ކޮންމެ އަހަރަކު 3.4 މިލިޔަން ރުފިޔާ ހަރަދުވާކަމަށެވެ.

 

"އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތްދޭ ތަން ހެދުމަށާއި އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް ޖުމްލަ ދެ މިލިޔަން ރުފިޔާ ހަރަދުވި."

 

މީގެއިތުރުން ސަރުކާރުގެ އަމާޒަކީ އިތުރު އަގަކާނުލާ، ރައްޔިތުންނަށް އައިނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުންކަން ފާހަގަކުރައްވާ ވިދާޅުވީ އައިނު ހަދައިދެނީ ވިޔަފާރި އުސޫލުން ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ އަތުން އިތުރު އަގެއް ނުނަގާ، އައިނު ހަދައިދިނުމަށް ފެށި ހިދުމަތެއް ކަމަށެވެ.

 

މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބުގައި އައިނުގެ ހިދުމަތްދޭ އަމިއްލަ ވިޔަފާރިތަކުން އެ ހިދުމަތް ހޯދުމަކީ އާންމުންނަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމެއްކަން ސަރުކާރަށް ދެނެގަނެވިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ދެ އަހަރަކުން އެއްފަހަރު 1000 ރުފިޔާދޭއިރު، ގިނަ ރައްޔިތުންނަށް އަމިއްލަ ޖީބުން އެތައް ހާސްރުފިޔާއެއް ޚަރަދުކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

 


  • އައިޖީއެމްއެޗް
  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް