ޚަބަރު ރާއްޖެ

ޚިދުމަތް ޖަމްއިއްޔާ އާއި އުކުޅަސް ހޯޕްގެ "ފިއުޗަރ އިމާމް" ޕްރޮގްރާމް ނިމިއްޖެ

ޚިދުމަތް ޖަމްއިއްޔާ އަދި އުކުޅަސްހޯޕްގެ ފަރާތުން ކުރިއަށް ގެންދިޔަ "ފިއުޗާރ އިމާމް" ނިންމުމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 

މި ރަސްމިއްޔާތު ބާއްވާފައިވަނީ އޮކްޓޯބަރ 5 ވީ އާދީއްތަ ދުވަހުގެރޭ އދ. މަހިބަދޫގައެވެ. މި ރަސްމިއްޔާތުގައި ރަންވަނަތައް ހާސިލުކުރި ކުދީންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކުރުން އޮތެވެ. ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިމްތިތާޢު ޢައްބާސް އެވެ.

 

ޚިދުމަތް ޖަމްއިއްޔާއާއި މަހިބަދޫ ކައުންސިލާއި، އުކުޅަސް ހޯޕް، މަންފާ، ޖަމިއްޔަތުލް ޤަލަމް، ބައްޔިނަ އަދި ތަންޒީލް ޤުރްއާން ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ މުޖުތަމައުގައި ޒުވާން އިމާމުން އުފެއްދުމަށާއި އިމާމުން ތަމްރީން ކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ. އަދި އިމާމުންނަށް ބޭނުންވާ މުހިންމު ޢަމަލީ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.

 

މިއީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ނިންމާލި 2 ވަނަ ރަށެވެ. އެއްމަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ޖުމްލަ 34 ކުދިން ބައިވެރިވެ، ޕްރޮގުރާމް ނިންމާފައިވެއެވެ.

 

 

 

މި ރަސްމިއްޔާތުގައި މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްއާއި ކައުންސިލްގެ މެމްބަރުންނާއި، އަލް ބައްޔިނާގެ ނައިބު ރައީސް، ތަންޒީލް ޤުރުއާންގެ މަސްއޫލްވެރިޔާ އާދަމް ނަޞީރު ޢަލީ، މަންފާ ޖަމްއިޔާގެ ރައީސް އަލީ ރަމީޒުއާއި ޚިދުމަތް، އުކުޅަސް ހޯޕް، މަންފާ، ޖަމިއްޔަތުލް ޤަލަމްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ޝަރަފުވެރި މެހެމާންގެ ވާހަކަފުޅުގައި ފަޚުރުވެރި ރަންވަނަތައް ހާސިލުކުރި ކުދީންނަށް މަރުހަބާއާއި ތަހުނިޔާ ދެންނެވިއެވެ. އަދި ރިވެތި އަޚުލާގު ކުދިންގެ ގައިގާ އަށަގެންނެވުމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދެއްވާ، އަރަބި ބަސް އުނގެނުމަށާއި ޤުރުއާން ހިތުދަސް ކުރެއްވުމަށް ހިތްވަރުދެއްވިއެވެ.

 

މި ހަފްލާގައި މަންފާ ޖަމްއިއްޔާގެ ރައީސް އަލީ ރަމީޒުވެސް ވާހަކަދައްކަވަމުން ވަނަތައް ހާސިލުކުރި ހުރިހާ ކުދީންނަށް މަރުހަބާ ދަންނަވާ، އެ ޖަމްއިއްޔާގެ ފަރާތުން މިމަސައްކަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަންދެއްވިއެވެ.

 

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ސިލްސިލާކޮށް ހިންގާ ޕްރޮގްރާމެކެވެ.

 


  • ޚިދުމަތް ޖަމްއިއްޔާ
  • ކޮމެންޓް