ރާއްޖެ ތަމްސީލު ކުރާއިރު، ގައުމުގެ ނަމާއި ޝަރަފް ދަމަހައްޓަންވާނެ

ބޭރު ގައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާއިރު، ގައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް، ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.

 

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި އިއްޔެ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

 

ގައުމީ ޓީމަށް ހިތްވަރު ދެއްވާ ކާމިޔާބީއަށް އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ދިވެހިގައުމީ ޓީމުތަކުން ކުޅިވަރުގައި ހޯއްދަވާ ކާމިޔާބީއަށް ދިވެހި ރައްޔިތުން ފަޚުވެރިވާކަމަށެވެ. އަދި ވޮލީބޯޅަ ޓީމުވެސް މުބާރާތުގެ ތަށި ހޯއްދެވުމުގެ އުއްމީދުގައި ކުޅުއްވުމަށް އެދިވަޑައިގެންނެވިއެވެ.

 

ވޮލީ އަކީ ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މިދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

 

ރާއްޖޭގެ ގައުމީ ސީނިއަރ ވޮލީބޯޅަ ޓީމަކީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ މެންސް ކަޕް 2025) ގައި ރާއްޖެ ތަމްސިލުކުރާ ޓީމެވެ. ހަ ގައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ބަންގްދަލޭޝްގެ ވެރިރަށް ޑާކާ ގައި، މިހިނގާ އޮކްޓޫބަރު މަހުގެ 22 އިން 28 އަށެވެ. މި މުބާރާތުގެ ތަމްރީނަށް ޓީމު މިހާރުވަނީ ތައިލޭންޑަށް ފުރާފައެވެ. މި ތަމްރީން ކުރިއަށް ދާނީ އޮކްޓޫބަރު 10 އިން 17 އަށެވެ.

 

ގައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިއުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު އަދި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ވޮލީ ބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

 

 


  • ވޮލީ
  • ނައިބު ރައީސް
  • ކޮމެންޓް