އޭސީސީއިން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެކަމުގައި އެމްޑީޕީން ބުނެފިއެވެ.
އެ ޕާޓީން މިފަދައިން ބުނެފައިމިވަނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން މިހާރުގެ ސަރުކާރުން ހިންގާ ސިޔާސީ ޢަމަލުތައް ހުއްޓައިލުމަށް ގޮވާލާ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ދިވެހިރާއްޖޭގެ ވެރިކަން ހިންގުމާ އެޕާޓީން ހަވާލުވީ، އޭގެ ކުރީގެ ސަރުކާރުތަކުން ސިޔާސީ މަގުސަދެއްގައި ވަކި ބަޔަކަށް އަމާޒުކޮށްގެން، ނުހައްގުން ވަޒީފާއިން ވަކިކުރުމާއި އެތައް އެއްބަސްވުންތަކެއް ބާތިލުކޮށްފައިވާތީ ކަމަށެވެ. އަދި ގިނަ ވިޔަފާރިތަކެއް ހުއްޓުވައިފައިވުމުގެ ސަބަބުން އެތައް ބަޔަކަށް ނުހަނު ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށެވެ.
މީގެއިތުރުން އެ މައްސަލަތަކަށް ހައްލު ހޯދައިދީ ދައުލަތުން ޢަމަލުކުރި ގޮތުގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއް އެ ފަރާތްތަކަށް ދީ، އިންސާފު ގާއިމުކުރުމަށް ވައުދުވެގެން ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ގެއްލުމުގެ ބަދަލު ދިނުމުގައި ޢަމަލުކޮށްފައިވަނީ ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ބެލުމުގެ ބަދަލުގައި ކަމަށް ވެސް ބުނެފައިވެއެވެ.
" ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލާ ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން އަދި ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަށް. މިކަމަށް ތާއީދުކޮށް މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ސްވިފްޓް އިންޖިނިއަރިންގ ގެ ވެރިޔާ، ސައުދުﷲ ހިލްމީ ވެސް ވަނީ މި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީން އަމަލުކުރި ގޮތުން ދައުލަތަށް ވެފައިވަނީ ފައިދާކަމަށް ހާމަކުރައްވާފަ."
އެމްޑީޕީގެ ބަޔާނުގައި މި މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދީފައެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޟު އިސްމާޢިލް އާއި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޢަލީ އެކޮމިޝަނަށް ހާޟިރުވާން ވަނީ އަންގާފައެވެ.