ޚަބަރު ރާއްޖެ

ހުޅުމާލެ ހޮސްޕިޓަލް ތާރީހުގެ ތެރެއަށް!

ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލުހުޅުގެ ސަރޖަރީ ހަދަން ފަށާ، ތާރީހުން ޖާގަހޯދައިފިއެވެ.

 

މިކަމާއިގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް 'އެކްސް' ގައި ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން މިވަނީ އާތްރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީއެއް ހުޅުމާލެ ހޮަސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށެވެ.

 

މި އައު ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަސް ރިކަވަރީ ލިބިގެންދާނެ ކަމަށާއި މިކުރެވުނު އާތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަރޖަރީއާއެކު، ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސަރޖަރީގެ ހިދުމަތް ރަސްމީކޮށް ފެށިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

 

"މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި މުޅި ޓީމަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. މި ކުރިއެރުމަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް."

 

މީގެއިތުރުން ކުރިއަށް އޮތްތަނުގައިވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ދެމިތިބޭނެކަމުގެ ޔަގީންކޮށް ސީއީއޯ ވަނީ އަރުވާފައެވެ.

 

ހުޅުމާލެ ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުކޮށް، ހިދުމަތް ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެހޮސްޕިޓަލަށް އިތުރު 10 ބުރީގެ އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

 

އެ އިމާރާތް އައުމުގެ ކުރިން މިވަގުތަށް ބޭނުންވާ ހިދުމަތްތައް ފުޅާކުރުމަށް ހޮސްޕިޓަލުގެ އީއާރަށް 14 އެނދު އިތުރުކޮށް، އެހޮސްޕިޓަލުގައި ދެމުންދާ ޑަޔަލިސިސްގެ ހިދުމަތް ފުޅާކުރުމަށް މިއަހަރުގެ ތެރޭގައި ވަނީ އިތުރު 30 އެނދު ޑަޔަލިސިސް ސެންޓަރަށް އިތުރުކޮށްފައެވެ.

 


  • ހުޅުމާލެ ހޮސްޕިޓަލް
  • މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް
  • ހުޅުމާލެ
  • ކޮމެންޓް