4 days ago
ޖަނަވަރީ 3 ވަނަ ދުވަހުގެ ވިއްސާރައިގާ ލިބުނު ގެއްލުން ބެލުމަށް އެސެސްމެންޓް ހެދުމުގައި ސޯޝަލް މިނިސްޓްރީން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ގުޅިގެން އެ މިނިސްޓްރީން ގެންދަނީ ވިއްސާރައާއި ގުޅިގެން ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތްކޮށް، ގެތަކުގެ އެސެސްމެންޓު ހެދުމުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
އާއިލީ ތަރައްގީއާއި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކީ އެ މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކޮށް، ވިއްސާރަވުމާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއެކު، އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް އެ މިނިސްޓްރީން ހަރަކާތްތެރިވަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ ގެއްލުންލިބުނު ގެތަކަށް މިއަދު ގޮސް އެސެސްމެންޓު ހަދަން ފަށާފައިވާ ކަމަށެވެ. އަދި އެސެސްމެންޓުގެ ކުރިން ގެތަކުގެ ވެރިފަރާތުން ލިބުނު ގެއްލުންތައް ދެނެގަތުމުން ވަގުތުކޮޅެއް ދޭނެ ކަމަށާއި އެއީ އެ އިދާރާގެ އެސެސްމެންޓު ފުރިހަމަކުރުމަށް ފަސޭހައަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފަރާތްތަކުން، އެފަރާތްތަކުގެ ދިރިއުޅެމުންއައި ތަން އާންމު ހާލަތައް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަް ވެސް ވަނީ ހާމަކުރައްވާފައެވެ.
މިފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ދިނީ ދެ ދުވަހުގެ މުއްދަތަށް ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ވިދާޅުވެފައެވެ.
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓްކުރި ކަމަށާއި 226 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.