15 hours ago
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުނަރު ދަސްކޮށްދޭ 'އެމްޕަވަރމެންޓް ހަބް' ގެ ފަހުމުނާމައިގާ ސޮއިކޮށްފިއެވެ.
ސޯޝަލް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް ހިދުމަތް ދޭންފަށާ 'އެމްޕަވަރމަންޓް ހަބް' އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމައެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
އެ މިނިސްޓްރީން އިސްނަގައިގެން ފަހިދިރިއުޅުން ކޯޕަރޭޝަނާއި ގުޅިގެން ފަށާ މިތަނުގެ ހިދުމަތް އަމާޒުކުރެވިފައިވަނީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށެވެ.
އެމްޕަވަރމަންޓް ހަބްގެ އަމާޒަކީ ސްކޫލްގެ މަރުހަލާ ފުރިހަމަކުރުމަށްފަހުގައި މުޖުތަމައަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްގީކުރުމެވެ. އަދި މަސައްކަތުގެ ތަޖުރިބާއާއި އިގްތިސާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުސަތުތައް ހޯދައިދިނުމެވެ.
މީގެއިތުރުން މިނިވަންކަމާއިއެކީ އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމައުގައި ބައިވެރިވާނެ ފުރުސަތުތައް ހޯދައިދިނުމަކީވ ެސް މި ހަބްގެ މުހިއްމު އެއް މަގްސަދެވެ.
ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވޭ މި ހަބްގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް އާންމުންނަށް ހުޅުވާލެވިފައިވާ ފިހާރަ އެއް ހިމެނެއެވެ.
މި ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުގުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްގީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބްގައި 3 ވޯރކްޝޮޕް ޖާގައާއި ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ވެސް ހިމެނެއެވެ.
ހަމަމިއާއެކު އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމާއި މަލްޓި މީޑިއާ ރޫމެއް ވެސް ހުންނާނެއެވެ.
މިއަހަރުގެތެރޭގައި ހުޅުވުމަށް ރޭވިފައިވާ ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެވިފައިވެއެވެ. އެމްޕަވަރމަންޓް ހަބްގެ ކާމިޔާބު ގުޅިފައިވަނީ މަދަނީ ޖަމިއްޔާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްދޭ ތަންތަނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމަށެވެ.
ކުރިއަށް އޮތްތަނުގައި މި ޕްރޮޖެކްޓާއި ބެހޭ މަޝްވަރާއާއި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ވަނީ ކަނޑައެޅޭ ތަރުތީބަކުން ހަމަޖައްސާފައެވެ.