އެސްޓޯނިއާގެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

12 hours ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިޕަބްލިކް އޮފް އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.


މިއީ އެގައުމުގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެވެ. އަދި މިއީ ދިވެހި ރައީސަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް މެއެވެ.


ރައީސް އާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އެސްޓޯނިއާއިން މަރުހަބާ ދެންނެވީ އެ ގައުމުގެ ރައީސްއެވެ. އެ ރަސްމިއްޔާތު އޮތީ އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒާއި އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކަރިސް ވަނީ، އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވިއެވެ.


މިދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން ވަނީ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާއިރު، އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ޓާރްޓޫގެ މޭޔަރާއި، ތައުލީމީ ދާއިރާގެ މަންދޫބުންނާއި، ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ.


މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ. އެސްޓޯނިއާގެ ސަރުކާރާއި އެގައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.


މިގޮތުން ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވާއިރު، އޭގެތެރޭގައި ދެގައުމުގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއި ކުރެއްވި ފަހުމުނާމާ ހިމެނެއެވެ. އަދި ދެގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ސޮއި ކުރެއްވި ފަހުމުނާމާއާއި ރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދު ސޮއިކުރެއްވި ފަހުމުނާމާ ވެސް ހިމެނެއެވެ.


ރައީސްގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ މުހިންމު އަދި ޘަޤާފީ ގިނަ ތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އޭގެ ތެރޭގައި އީ-އެސްޓޯނިއާ ބްރީފިންގް ސެންޓަރ، ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމް، ޓާރްޓޫ ޓައުން ހޯލް، ޔުނިވަރސިޓީ އޮފް ޓާރްޓޫ، އެސްޓޯނިއާ ބަޔޯބޭންކް، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީ.އާރު.އެމް) އަދި ގްރީނަރޖީ ޑޭޓާ ސެންޓާރސް (ޖީ.ޑީ.ސީ.) އަށް ކުރެއްވި ޒިޔާރަތް ހިމެނެއެވެ. މި ތަންތަނަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތްތަކުގައި، މުއައްސަސާތަކުގެ މަންދޫބުން ވަނީ އެ އިދާރާތަކުގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.


ރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވިލުންތެރިކަމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ވަނީ ލިބިފައެވެ.


މީގެއިތުރުން މިދަތުރުފުޅުގައި، މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ދެގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އަޒުމް އިތުރަށް ހަރުދަނާކުރެވުނެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ރާއްޖެ ޑިޖިޓަލައިޒްކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދީ، ބައިނަލްއަގްވާމީ ގުޅުންތައް ގާއިމުކުރައްވައި، ގުޅުންތައް ބަދަހި ކުރެއްވުމަށް ގެންދަވަނީ ހާއްސަ އިސްކަމެއް ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު