ރައްކާތެރިކަން ބޭނުންވާ 10 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފި

4 months ago

އަފްރާހް

އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ "އަޅާލުން" ކެމްޕޭންގެ ދަށުން މިހާތަކަށް ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ 10 ފަރާތަކަށް ބްރިޖިންގ ދަ ކޮމިއުނިޓީސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.


މި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނަކާއި ޞިއްޙީ ޚިދުމަތް ހޯދުމުގައި އިދާރީގޮތުން ގޮންޖެހުންތަކެއް ހުރެ އެހީތެރިކަމަށް އެދުނު 3 އަންހެނަކާއި ނުކުޅެދުންތެރިކަން ހުރި ކުޑަ ކުއްޖެކެވެ. އެ ގޮތުން ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނުންގެ ތެރެއިން 2 އަންހެނަކަށް ޝަރުޢީ މަރުޙަލާގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. އަދި 4 އަންހެނަކަށް ޤާނޫނީ ލަފާ ފޯރުކޮށްދެވިފައިވެއެވެ. މި 6 މައްސަލައިގައި ހިމެނެނީ ގެވެށި އަނިޔާއާއި ވަރި އަދި ޙަޟާނާތާ ގުޅުންހުރި މައްސަލަތަކެވެ.


"އަޅާލުން" ކެމްޕޭނަކީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް އިފުތިތާހުކޮށްދެއްވި ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ބްރިޖިންގ ދަ ކޮމިއުނިޓީސް އޮފް މޯލްޑިވްސްގެ އެހީތެރިކަމަށް އެދޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ، އަނިޔާ ލިބެމުންދާ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައިދިނުމެވެ.


މީގެއިތުރުން ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާއި، ކައުންސިލިންގގެ ޚިދުމަތް ހިލޭ ފޯރުކޮށްދިނުން ވެސް ހިމެނެއެވެ. އަދި ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތްތަކެއް ވެސް ކުރެވިފައިވެއެވެ. 


އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމުގައިވާ އެކްސްއާއި، ފޭސްބުކް އަދި އިންސްޓަރގްރާމް މެދުވެރިކޮށް ގަވާއިދުން މަޢުލޫމާތު ޙިއްޞާކުރުމާއި، ޓީވީ އަދި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު