ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ރަސްމީކޮށް މަނަދޫގައި ފާހަގަކޮށްފި

4 months ago

އަފްރާހް

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ރަސްމީކޮށް ފާހަގަކުރުން ނ. މަނަދޫގައި ފާހަގަކޮށްފިއެވެ.


މި ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ 10 ޖޫން ވީ ހޯމާ ދުވަހުގެ ރޭ މަނަދޫ އަސްވާރު ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވީ ސިއްހީ ވުޒާރާގެ ވަޒީރު ޑރ އަބްދުﷲ ޚަލީލެވެ.


މި ޖަލްސާގައި މިއަހަރު ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު " ކުޑަކުދިން ދުންފަތުގެ ޞިނާޢަތުން ސަލާމާތްކޮށް ދަފަރާކުރުން" އާ ގުޅުވައިގެން 1 އަހަރުދުވަހު ހޭލުންތެރި ކުރުމުގެ ކެމްޕެއިނެއް "ދަފަރާ" ގެ ނަމުގައި ވަނީ އިޕްތިތާހް ކޮށްފައެވެ.


މި ދުވަހާއި ގުޅިގެން އެ ރަށުގައި ހިންގި ހަރަކާތްތަުގެ ތެރޭގައި ޞިއްޙި ހިދުމަތްތެރިންނަށް އަމާޒުކޮށްގެން "ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން" ޓްރެއިން އޮފް ޓެރެއިނަރސް ސެޒޭޝަން ވޯކްޝޮޕެއް ހިމެނެއެވެ. އަދި އެ އަތޮޅުގެ އެކި އިދާރާތަކުގެ އިސްބޭފުޅުންނަށް ދުންފަތުގެ ޤާނޫނާ ޤަވައިދު ތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ވަނީ ބާއްވާފައެވެ.


މީގެއިތުރުން ދުންފަތުގެ ނުރައްކަލާމެދު ބެލެނިވެރިން އަހުލުވެރިކުރުމަށް ސެޝަނަކާއި ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުވައިގެން ހިނގާލުމެއް ވެސް ބާއްވާފައި ވެއެވެ.


މި ހަރަކާތްތައް ކުރިއަށް ގެންދެވުނީ މިނިސްޓްރީ އޮފް ހެލްތު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އާއި ނ .މަނަދޫގެ އެކިއެކި އިދާރާތްތައް ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު