ފަޒުލް ގެ ގެއިން ތަހުގީގަށް ބޭނުންވާ ބައެއް ސާމާނު ފުލުހުން ގެންގޮސްފި

18 hours ago

އަފްރާހް

އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ބަލައި، ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ސާމާނު ފުލުހުން ގެންގޮސްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް އެޗްޑީސީގެ ކުރީގެ އެމްޑީ ދިރިއުޅޭ ގެ ރޭގެ ވަގުތެއްގައި ބަލައި، ފާސްކޮށްފައިވާ ކަަމަށެވެ.


ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި، ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނޭކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.


ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލަ ހޫނުވެފައިވަނީ އެ ސްކީމްގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ގޯތި ދޫކޮށްފައި ވަނިކޮށް، އޭގެތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުންނެވެ.


މި މައްސަލައިގާ އެޗްޑީސީގެ ޗެއަރމަން ފިޔަވައި، އެ ބޯޑުގެ ހުރިހައި މެމްބަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.


މީގެއިތުރުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވަނިކޮށް، އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު