އިންޑިއާ އާއި ރާއްޖޭގެ ގުޅުން ދެމެހެއްޓުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފި

4 months ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ މިއަދު ބައްދަލުކުރައްވައިފިއެވެ.


ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ލީޑަރުން ވަނީ ދެޤައުމުގެ ތަރައްޤީއާ ފާގަތިކަމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.


ރައީސް މުރުމޫ ދެއްކެވި ވާހަކަފުޅުގައި ވަރަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދޭހަކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.


އިންޑިއާގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު އަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ "ނޭބަރހުޑް ފަސްޓް ޕޮލިސީ" ފާހަގަކުރައްވައި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދިނުމުގެ ޝައުޤުވެރިކަން އިންޑިއާގެ ރައީސް ފާޅުކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ ސަރުކާރުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީ ފާހަގަކުރައްވައި އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.


މީގެ އިތުރުން ދެޤައުމުގެ ދެމެދު އޮންނަ ތާރީޚީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެޤައުމުން ގުޅުންބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ވިދާޅުވިއެވެ.


މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު