ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 5 ސްމާޓް ޓީވީ ހަދިޔާކޮށްފި

4 months ago

އަފްރާހް

ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 5 ސްމާޓް ޓީވީ ހަދިޔާކޮށްފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވީ މިއީ އަނަންތަރާ ވެލި، އަނަންތަރާ ދިގު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑުން ކުރެއްވި ހަދިޔާއެއް ކަމަށެވެ.


ޓީވީ ހަވާލުކުރައްވާފައިވަނީ ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓް މެނޭޖަރ ފާތިމަތު ޝާޒްލީންއެވެ. މި ތަކެއްޗާއި ގުރައިދޫ މަރުކަޒުން ހަވާލުވެވަޑައިގެންނެވީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ޖައިޝަމްއެވެ.


މި ޓީވީތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ރިސޯޓުގެ ފަރާތުން ބައިވެރިވި ޓީމަށް ވަނީ ގުރައިދޫ މަރުކަޒު ދައްކާލާފައެވެ. އަދި މަރުކަޒުގައި ފަރުވާ ދެމުންދާ ފަރާތްތަކާއި ބައްދަލުކޮށް، ވާހަކަދައްކައި، ހާލު ބަލާލުމުގެ ފުރުސަތު ވެސް ވަނީ އެ ޓީމަށް ފަހިކޮށްދީފައެވެ. 


މީގެ އިތުރުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއެކު ކޭކް ފެޅުމުގެ ޚާއްސަ ހަރަކާތެއް ވެސް ވަނީ ބާއްވާފައެވެ.


ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކުރެވުނު 5 ސްމާޓް ޓީވީ ބޭނުންކުރެވޭނީ ރީއިންޓެގްރޭޝަން ވޯޑާއި ކުޑަކުދިންގެ ވޯޑުގައި ކަމަށް އެ ވުޒާރާ އިން ވިދާޅުވިއެވެ.


އެ ވުޒާރާ އިން ވިދާޅުވީ މިތަކެތި ވެގެންދާނީ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޭނުންތެރި ތަޢުލީމީ އަދި މުނިފޫހިފިލުވުމުގެ މުހިންމު ވަސީލަތަކަށެވެ. 


ފަރުވާގެ މުއްދަތުގައި ކޮންމެ ފަރާތަކީ ވެސް އުފާވެރި، ހިތްފަސޭހަ ވަގުތުކޮޅެއް މަރުކަޒުގައި ހޭދަކުރާ ފަރާތަކަށް ހެދުމަކީ މި ވުޒާރާގެ އެންމެ ބޮޑު އެއް އަމާޒެވެ.


ކިޔުންތެރިންގެ ހިޔާލު